ކުރީގެ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓް އޮތް ގޮތުން ތަރައްގީގައި އޮތީ ތަޅުއެޅުވިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރު އަދިވެސް އަމަލުކުރަން އަންނަނީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އޭރުގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބަޖެޓަކަށް ކަމަށާއި މި ބަޖެޓު އޮތީ މި ސަރުކާރުން ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހުށަހެޅި އެއްވެސް ކަމެއް މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިދީފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހިމަނައި ނުދީ ފާސްކޮށްފައި އޮތް ބަޖެޓެއް ވީމާ ތަޅުއެޅުވިފައި އޮތީ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ހިމަނާފައި އޮތީ ކުޑަ އަދަދެއްގެ ފައިސާކޮޅެއް ކަމަށާއި އެގޮތުން ރަސްދޫ ބަނދަރު ހަދަން އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ.
"ރަމްޒީ ބަޖެޓެއް އޮތީ. އެގޮތަށް މުޅި ރާއްޖެ ވެސް އޮތީ، މި ނިމިގެންދާ ބަޖެޓުގައި ހިމަނާފައި. އަޅުގަނޑުމެން ވީ ވަރަކުން އެހެރީ މަސައްކަތްތައް ކޮށްފައި،" ރައީސް ވިދާޅުވި އެވެ.
ބަޖެޓު މިގޮތަށް އޮތް ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާ އިން އެކަނި ވެސް ގާތްގަނޑަކަށް 50 މަޝްރޫއު މިއަހަރުތެރޭ ނިމިފައިވާ ކަމަށާއި އަދި އެހެން ދާއިރާތަކުން ވެސް ވަރަށް ގިނަ މަޝްރޫއުތައް ނިންމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ބަޖެޓް އޮތް ގޮތުން މިއަހަރު ނިމިގެން މިދިޔައީ އެންމެ ބޭނުންފުޅުވި ގޮތަކަށް ނޫން ކަމަށާއި އަންނަ އަހަރު އެކަން ބަދަލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 1.6 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.