Last Updated: December 26, 22:36
Thursday, December 26, 2024
ޚަބަރު

މި ހާލަތަށް މިދިޔައީ ބަޖެޓުގައި ނެތް އެތައް ކަމެއް ކުރުމުން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: އެމްޑީޕީ

މި ހާލަށް މިދިޔައީ ނިމިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ނެތް އެތައް ކަމެއް ސަރުކާރުން ކުރުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓް އޮތް ގޮތުން ތަރައްގީގައި އޮތީ ތަޅުއެޅުވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ވިދާޅުވީ މި ބަޖެޓު އޮތީ މި ސަރުކާރުން ބޭނުންވި ގޮތަކަށް ނޫން ކަމަށާއި އެގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހުށަހެޅި އެއްވެސް ކަމެއް މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިދީފައި ނުވާ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހުށަހެޅުނު ސަޕްލެމެންޓަރީ ބަޖެޓް ވެސް އަދި މި އަހަރުގެ ބަޖެޓް ވެސް ހުށަހެޅީ ޓްރާންޒިޝަން ކޮމިޓީގެ މަޝްވަރާއާއެކު ކަމަށާއި މި އަހަރަށް ހުށަހެޅުނު ބަޖެޓްގައި މި ސަރުކާރުން ފޮނުވި ލިސްޓް އޮތް ގޮތަށް ބަޖެޓްގައި ހިމެނިފައިވާނެ ކަމަށެވެ.

"އެހެން ނޫނަސް ބަޖެޓު އޮތް ގޮތުން ކަންތައް ނުވިޔޭ، ވިދާޅުވާއިރު މި ހާލަތަށް އައީވެސް ސީދާ ބަޖެޓްގައި ނުވެސް ހިމެނޭ އާ ކަންތައްތަކެއް ކުރުމުގެ ސަބަބުން. ބަޖެޓް ޕްލޭނާއި އެއްގޮތަށް ގެންދިޔަ ނަމަ އިޤްތިސާދީ ހަރަކާތްތައް ނުހުއްޓި ކުރިޔަށް ދާނެ. އަމިއްލަ ފަރުދުންނާއި ކުންފުނިތައް ބަނގުރޫޓް ނުވީސް،" އަމީރު ވިދާޅުވި އެވެ.

މި ސަރުކާރުން ބަޖެޓުން ބޭރުން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފުށިދިއްގުރި ފަޅު ހިއްކުމަށް ކުރި ޚަރަދާއި ތުރުކީން ޑްރޯންތައް ގަންނަން 37 މިލިއަން ޑޮލަރު ހޭދަ ކުރުމާއި އަދި އަހަރުގެ މިހާތަނަށް, މިދިޔަ އަހަރާ އަޅައިބަލާއިރު މުސާރައަށް 1.425 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"މީގެ އިތުރުންވެސް އެބަހުރި ބަޖެޓްގައި ނުހިމެނޭ އެތައްކަމެއް ކޮށްފައި. ދެން ރަށެއްގައި ޕްރޮޖެކްޓް ނުހިނގާތީ ސުވާލުކުރީމަ ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔުން ހުއްޓަން ވެއްޖެއެއްނު. ރައްޔިތަކަށް ކަމެއްކޮށްދޭން ވީމަ ކުރީ ސަރުކާރު ބަޖެޓާއި ހެދި ކަމެއް ނުވޭ. އެކަމަކު ކޮށްފަ ހުރީ ބަޖެޓްގައި ނުވެސް ނެތް ކަންތައްތައް. އޭގެއިން އަރައިނުގަނެވިގެން މިހާރު މި އުޅެންޖެހެނީ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ ސަރުކާރަށް މިއަހަރު ނުވި ކަމެއް ކުރިޔަށް އޮތް ހަތަރު އަހަރުވެސް ނުވާނެ ކަމަށާއި ސަރުކާރު ބަދަލުވެ އާ ބޭފުޅަކު ބަޖެޓް ހުށަހެޅުމުން ޕްރޮޖެކްޓްތައް ކުއްލިއަކަށް ހިނގަން ނުފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަންތައްތައް ކުރާނެ ވިސްނުމެއްވެސް، ޤާބިލްކަމެއްވެސް އަދި އެ އިޚްލާސްތެރިކަމެއް ވެސް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވި އެވެ.