މީގެ 85 އަހަރު ކުރީގެ ހޮލީވުޑްގެ ފިލްމެއްގައި ބަތަލާ އަކު ބޭނުންކުރި ބޫޓެއް ރެކޯޑް އަގަކަށް ނީލަމެއްގައި ވިކިއްޖެ އެވެ.
އެމެރިމާގެ އޮކްޝަން ހައުސް ހެރިޓޭޖް އޮކްޝަންސް އިން މީގެ މަސް ދުވަސް ކުރިން އޮންލައިން ބިޑިން އަށް ހުޅުވާލައި މިދިޔަ ހޮނިހިރު ދުވަހު ނީލަން ނިންމައިލީ ބޫޓް 32.5 މިލިއަން ޑޮލަރަށް ވިއްކައިލުމަށް ފަހު އެވެ. މި ރޫބީ ބޫޓަކީ 1939 ވަނަ އަހަރުގެ ފިލްމު "ދަ ވިޒާޑް އޮފް އޮޒް" ގައި ބަތަލާ ޖޫލީ ގާލަންޑް ބޭނުންކުރި ބޫޓެކެވެ.
ބޫޓަށް ނީލަމުގައި ލިބުނު އަގާ އެކީ އެ ވެފައި ވަނީ ފިލްމެއްގައި ބޭނުން ކުރި އެއް×ޗެއް ހަނދާނެއްގެ ގޮތުގައި ވިއްކައިލި އިރު، އެންމެ ބޮޑު އަގެއް މިހާތަނަށް ލިބުނު އެއްޗަށެވެ.
މި ބޫޓް ނީލަމުގައި ވިއްކަލައިން ހުޅުވައިލި އިރު، ހެރިޓޭޖް އޮކްޝަންސް އިން ލަފާކުރީ ގިނަވެގެން ތިން މިލިއަން ޑޮލަރު ބޫޓަށް ލިބޭނެ ކަމަށެވެ.
"ދަ ވިޒާޑް އޮފް އޮޒް" އަކީ ލިޔުންތެރިޔާ އެލް ފްރޭންކް ބޯމް 1900 ގައި ގެނެސްދިން ކުޑަކުދިންގެ ވާހަކަ "ވޮންޑަފުލް ވިޒާޑް އޮފް އޮޒް" އަށް ބިނާކޮށް ވިކްޓާ ފްލެމިން ޑައިރެކްޓްކުރި ވަރަށް މަގުބޫލު މިއުޒިކަލް ފެންޓަސީ ފިލްމެކެވެ. ޖުމްލަ 2.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 29.7 މިލިއަން ޑޮލަރު ލިބުނެވެ.
ނީލަމުގައި ވިއްކައިލި ބޫޓް ފިލްމުގައި ބޭނުންކުރި ބަތަލާ ޖޫޑީ "ދަ ވިޒާޑް އޮފް އޮޒް" ކުޅުނު އިރު، އުމުރަކީ 16 އެވެ. އޭނަ ވަނީ އުމުރުން 47 އަހަރުގައި 1969 ގައި މަރުވެފަ އެވެ.