ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ އެކްސަސައިޒް "ރަންނަމާރި ހަންޓް 2024" ފަށައިފި އެވެ.
މި އެކްސަަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާޙީމް ޙިލްމީ އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
މި މަހުގެ 8 އިން 19 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި އެކްސަސައިޒްގައި ބައިވެރިވެފައި ވަނީ އެމްއެންޑީއެފް ހުރިހާ ކޯތަކެއް ހިމެނޭ ގޮތުން ޖުމްލަ 39 ބައިވެރިންނެވެ.
އެކްސަސައިޒް "ރަންނަމާރި ހަންޓް" ގެ މަޤުޞަދަކީ އެމްއެންޑީއެފް ސަރވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިންއަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެކްސަސައިޒް ރަންނަމާރި ހަންޓް ފެށުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ހުރިހާ ކޯތަކުގެ ކޮމަޑާންޓުން ބައިވެރިވެވަޑައިގެންނެވި އެވެ.