އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަން ހިމެނެ އެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކަމާގުޅޭ މުވައްސަސާތަކާއެކު ކުރައްވާ މަސައްކަތްތައް ކައުންސިލާއި ހިއްސާކުރައްވާފަ އެވެ.