ރޭ އައްޑޫ ސިޓީ މަރަދޫ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައި ހުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން އެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާއިރު ދޯނީގެ ވެރިފަރާތުން ވެސް ފާހަގަކުރާގޮތުގައި އަލިފާން ނިއްވުމުގެ މަސައްކަތް އަވަހަށް ފެށުނު ނަމަ ދޯންޏަށް ލިބުނު ގެއްލުން ކުޑަ ކުރެވުނީސް ކަމަށެވެ.
ގާތްގަނޑަކަށް 6 ކިލޯ މީޓަރުގެ ދަތުރަކަށް ފަހު ހިތަދޫ ފަޔާރ ސްޓޭޝަނުން މަރަދޫ ބަނދަރަށް އާދެވުނު އިރު މަރަދޫގެ ރައްޔިތުންގެ މަސައްކަތުން ދޯނީގައި ރޯވި އަލިފާންގަނޑު ވަނީ ގާތްގަނޑަކަށް ނިއްވާލައިފައެވެ.
އައްޑޫ ސިޓީގެ ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަރަދޫ ބަނދަރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލެވޭނެ ނިޒާމެއް ބަނދަރުގައި ޤާއިމްވެފައިހުރި ނަމަ ދޯންޏަށް ލިބުނު ގެއްލުންތައް ކުޑަކުރެވޭނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ދެން އުފެދޭ ސުވާލަކީ އައްޑޫ ސިޓީގެ ބަނދަރުގައި އަލިފާން ނިއްވާ ނިޒާމެއް ޤާއިމްކުރަން އާދޭސް ދަންނަވައި މައި ސަރުކާރަށް ސިޓީ ލިޔަންވީ ތޯއެވެ ؟ ސަރުކާރަށް އާދޭސް ނުކޮށް ރައްޔިތުންގެ ޙައްޤުގައި މިފަދަ މުހިއްމު ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން އައްޑޫ ސިޓީ ކައުންސިލަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫނެވެ.
ކައުންސިލްގެ ޚަރަދުގައި އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގެ ބަނދަރުތަކުގައި އަލިފާން ނިއްވާނެ ނިޒާމެއް ޤާއިމްކުރުމަކީ މިހާރުން މިހާރަށް ވެސް ކުޑަ ޚަރަދަކުން ކުރެވިދާނެ ކެމެކެވެ. އަދި މި ނިޒާމްތަކަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭ ފަދަ ގޮތަކަށް ޤާއިމްކުރެވޭ ނިޒާމަކަށް ހެދިއްޖެނަމަ އިތުރު ޚަރަދަކާއި ނުލައި ބަނދަރުތަކުގެ ރައްކާތެރިކަމަށް މުހިއްމު ފިޔަވަޅެއް އެޅިގެން ދިޔައީ އެވެ.
އަލިފާން ނިއްވާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ކައުންސިލްގެ ފަރާތުން ބަނދަރުތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތްތަކެއް ބޭތިއްބުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ.
ފަޅުތެރޭގައި އަޅާފައި ހުންނަ ދޯނިތަކަށް ބަޔަކު ގެއްލުމެއް ދީފާނެކަމަށްޓަކައި ދަންވަރު ގަނޑީގައި ދޯނިތަކުގައި ނިދަމުން ގެންދާ މަސްވެރިންނަށް އެމީހުންގެ ގެތަކުގައި ހަމަޖެހިގެން ނިދާލެވެން ވެސް އޮތީ ބަނދަރުގައި ސެކިއުރިޓީ ބަލަހައްޓާނެ ފަރާތްތަކެއް ތިބެގެން ކަމުގައި ދަންނަވަން ޖެހެއެވެ.
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތްތަކެއް އައްޔަން ކުރުމަކީ ކައުންސިލަށް މާލީ ގޮތުން ބޮޑު ބުރައެއް ކަމުގައި ވާނަމަ ބަނދަރުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރަން ނިންމާފައިވާއިރު އެ ބައްދަލުވުންތަކުގައި މިފަދަ ކަންކަމާއި މެދު މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.