ކީރިތި ޤުރުއާން ލިއުމާއި އިސްލާމިކް ކެލިގްރަފީ ދާއިރާއިން އާދަޔާޚިލާފު ފަންނުވެރިކަން ދައްކައިލަމުން އަންނަ ދަރިވަރަކަށް އިސްލާމިކް މިނިސްޓްރީން އެހީވެެ، އެ ކުއްޖާގެ ހުނަރު ކުރިއަރުވަން އެހީވެދޭން ނިންމައިފި އެވެ.
މިއީ ޖަމާލުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ހުސައިން ނާއިޝް އެވެ. މި ހުނަރުވެރި ދަރިވަކީ ވާހަކަ ދެއްކުމާއި އަޑު އިވުމުން މަހުރޫމުވެފައިވާ ކުއްޖެކެވެ.
އެ ކުއްޖާގެ ހުނަރު ކުރިއަރުވަން މިނިސްޓްރީން އެހީވާން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ނާއިޝްގެ ހުނަރު ފެނިގެންނެވެ.
އެހެންވެ އެ ދަރިވަރާ ބައްދަލު ވެސް ކުރައްވައި މިނިސްޓަރު ވަނީ ނާއިޝްގެ ހުނަރު ކުރިއަރުވަން މިނިސްޓްރީން ނިންމި ވާހަކަ އޭނަ އަށް ފަހިކޮށް ދޭން ނިންމި ކަންކަމުގެ ވާހަކަ ސޯޝަލްގައި ވެސް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން ކެލިގްރަފީ ދާއިރާއިން ނާއިޝް އަސް ބޭނުންވާ އިތުރު ހުނަރު ދަސްކޮށް ދިނުމަށް މިނިސްޓްރީ އިން އެހިވުމާއި ދަރިވަރު ސްކޫލް ނިމުމުން، ޤުރުއާން މަރުކަޒު ތެރޭގައި މި ހުނަރު އެހެން ކުދިންނަށް ދަސްކޮށް ދިނުމަށް އޭނާއާ މަސައްކަތްތަކެއް ޙަވާލު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން އަންނަ އަހަރު ހުޅުވާ އައްޑޫ ހިތަދޫގައި ހުޅުވަން ހަމަޖެހިފައިވާއި އިސްލާމީ މަރުކަޒާއި ދިއްދޫ އިސްލާމީ މަރުކަޒާއި ފުވައްމުލަކުގެ ޤުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ފަންނުވެރި ލިޔުންތައް ބެހެއްޓުމުގެ ފުރުސަތު ދޭނެ އެވެ. އަދި އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ އެންމެހާ ޒަމާނީ ވަސީލަތްތައް މި ދަރިވަރަށް ހޯދައިދީ އެ ދާއިރާއިން އިތުރު ހުނަރު އޭނާއަށް ދަސްކޮށް ދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސައި ދޭނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުޤު ހުރި މިފަދަ ހުރިހާ ކުދިންނަކަށް ވެސް މި ފުރުސަތުތައް މިނިސްޓްރީން ފަހިކޮށް ދެމުން ގެންދާނެ ކަމަށެވެ.
ނާއިޝް އަކީ ށ. ކަނޑިތީމަށް އުފަން ކުއްޖެކެވެ. އޭނަގެ ހުނަރު އެންމެ ފުރަތަމަ ދައްކައިލީ 2022 ގައި "ރިވެލި" މައުރަޒުގަ އެވެ.