އއ. މަތިވެރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަތިވެރީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގައި އެންމެ ފުރަތަމަ އަޅާ އެއާޕޯޓުތަކުގެ ތެރޭގައި މަތިވެރީ އެއާޕޯޓު ހިމެނޭނެ ކަމަށެވެ.
މަތިވެރީގައި އެއާޕޯޓެއް އަޅަން ނިންމީ އއ އަތޮޅަކީ ގިނަ ރިސޯޓްތަކެއް ހިންގާ އަދި ފަތުރުވެރިކަންވެސް ފުޅާވެފައިވާ ސަރަހައްދަކަށްވާތީ އެއާޕޯޓެއް ކޮންމެހެން މުހިއްމު ކަމަށް ފެންނާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
މަތިވެރީގެ ފަޅުތެރެއިން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ މިއަހަރު އެންމެ އެދެވޭ ގޮތަށް ކަންކަން ނުކުރެވުނީ ކުރީގެ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓް އޮތް ގޮތުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓާއެކު ކުރިއަށް ދެ އަހަރު އެކަން ބަދަލުވެގެންދާނެ ކަމަށާއި ވައުދުތައް ފުއްދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދެން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.