ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި މިހާރު ކުރަނީ ގަޑުބަޑު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ވިލިމާލޭގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ އަށް މިހާރު ގެންނަނީ އިސްލާހެއް ނޫން ކަމަށާއި އިސްލާހަކީ ކަމެއް އޮންނަ ގޮތަކަށް ވުރެ ރަނގަޅަށް ގެންނަ ބަދަލަކަށް ކިޔާ އެއްޗެއް ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ ގަޑުބަޑު ކުރާ މަންޒަރު ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"މިހާރު ގާނޫނު އަސާސީ އެ ކުރާ ގަޑުބަޑު އަޅުގަނޑު އެއަށް ކިޔަނީ،" ފައިސަލް ވިދާޅުވި އެވެ.
ގާނޫނު އަސާސީން ލިބިފައިވާ އެއްވެސް ހައްގެއް ގެއްލިގެންދާން އެއްވެސް ރައްޔިތަކު ބޭނުން ނުވާ ކަމަށާއި ގާނޫނު އަސާސީއާ ނުކުޅެ ވެސް ރަނގަޅު ވަރަށް ގިނަ ކަންކަން ކުރެވެން އެބަހުރި ކަމަށް ފައިސަލް ވިދާޅުވި އެވެ. ނަމަވެސް މިހާރު ފެންނަމުން އަންނަނީ ރައްޔިތުން ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީ ބާބަކުން ބާބަކުން، މާއްދާއަކުން މާއްދާއަކުން ގެއްލިގެން ގޮސް، މުޅި އެތި އެއްކޮށް 2004 ގެ ކުރިން ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު އޮތްގޮތަށް ފުރޮޅިގެންދާތަން ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް މިހެން ވިދާޅުވި އިރު މަޖިލީހުން ދާދިފަހުން ވަނީ ގާނޫނު އަސާސީ އަށް ކުއްލި އިސްލާހުތަކެއް ގެނެސްފަ އެވެ.
އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.