އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާ ބައްދަލުކޮށް އާސެނަލް 1-1 އިން އެއްވަރުވިއިރު، ޗެލްސީން 4-3 އިން ޓޮޓެންހަމް ބަލިކޮށްފި އެވެ.
މި މޮޅާއެކު ޗެލްސީ އޮތީ 15 މެޗުން 31 ޕޮއިންޓު ހޯދައިގެން ލީގުގެ ދެވަނައިގަ އެވެ. އާސެނަލް އޮތީ 15 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި 14 މެޗު ކުޅެގެން 35 ޕޮއިންޓާއެކު އޮތީ ލިވަޕޫލް އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓްގައި ރައުލް ހިމެނޭޒް ވަނީ ފުލަމް އަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 52 ވަނަ މިނެޓްގައި ކައި ހަވެޓްޒް ބޮލުން ދިން ޕާހަކުން ވިލިއަމް ސަލީބާ އެވެ.
އާސެނަލަށް ލީޑު ނަގައިދޭން ތޯމަސް ޕާޓޭ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
އެންމެފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައި ނެތް ޓޮޓެންހަމުން ވަނީ ރޭގެ މެޗުގެ ފުރަތަމަ 12 މިނެޓްތެރޭ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. އެގޮތުން ޓޮޓެންހަމްގެ ފުރަތަމަ ގޯލު މެޗުގެ ފަސްވަނަ މިނެޓްގައި ޑޮމިނިކް ސޮލާންކޭ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ގޯލު 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެޔާން ކުލުސެވްސްކީ އެވެ.
ޗެލްސީގެ ފުރަތަމަ ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ޖޭޑަން ސަންޗޯ ކާމިޔާބުކޮށްދިން އިރު، ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ އެވެ. އަދި މެޗުގެ 73 ވަނަ މިނެޓްގައި އެންޒޯ ފެނާންޑޭޒްގެ ގޯލުން ޗެލްސީން ލީޑު ނެގިއިރު، މެޗުގެ 84 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ޕާމާ އެވެ. ޓޮޓެންހަމްގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ސޮން އެވެ.