މިފްކޯގެ ސީއީއޯ އަށް ބޭރު މީހަކު ހަމަޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ މަގާމަށް ހަމަޖެއްސީ ޔޫކްރޭންގެ ރައްޔިތެއް ނިސްބަތްވާ ޑރ. ވިތާލީ ލުބިމޮވް އެވެ. އޭނަ އަކީ ސަރުކާރުގެ މަސް ކުންފުނީގެ ތާރީހުގައި ވެސް މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ފުރަތަމަ ބިދޭސީ އެވެ.
ނަމަވެސް މިކަން އަދި ސަރުކާރުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސަމާހު ރަޝީދެވެ. އޭނަ އެ މަގާމުން ވަކިކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިފްކޯ އަށް ބިދޭސީ ސީއީއޯއެއް ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް އޭރު އެކަށީގެންވާ ފެންވަރުގެ މީހަކު ކުރިމަތިލާފައި ނުވާތީ އިއުލާން ބާތިލުކޮށް، އަލުން ސީއީއޯގެ މަގާމަށް ހުޅުވައިލީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މިފްކޯ އަކީ 1993 ގައި އުފެއްދި ކުންފުންޏެކެވެ.