ކޯޓުތަކުގެ ފަނޑިޔާރުން ކަންނެތްވެފައިވާ ކަމަށާއި، ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކޮށްފަ އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ މަސްތިވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ތަހުގީގީ އިސާރާތަކާއި ތަންފީޒީ އިދާރާތަކުން ފުރިހަމަ ޒިންމާ ނަގަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ބޮޑެތި މުސާރައާއި އިނާޔްތްތައް ލިބޭ ފަނޑިޔާރުން މިއަދު ކަންނެތް ވެފައިވާ ކަމަށާއި ފަނޑިޔާރުން ކަންނެތްކަމުން ސަލާމަތްވާންޖެހޭ ކަމަށެވެ. މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ހައްގުގައި ޗުއްޓީއަށް ނުގޮސް މަސައްކަތްތައް ނިންމުމަށް ތިބިކަން ފާހަގަކޮށް އައްބާސް ވަނީ ފަނޑިޔާރުން ކޮންމެ އަހަރަކު މަސްދުވަހަށް ޗުއްޓީއަށް ދާންޖެހޭތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޗުއްޓީ ނެގުމުގެ ބަދަލުގައި ނުނިމިހުރި މައްސަލަތައް ނިންމުމަށް އައްބާސް ގޮވާލެއްވި އެވެ.
ކޯޓުތަކުގައި ނުނިމި މައްސަލަތައް ގިނަ ދުވަސްވާތީ އެކަމަށް ފާޑުވިދާޅުވެ އައްބާސް ވަނީ އެ މައްސަލަތައް އަވަހަށް ނިންމުމަށް ގޮވާލައްވާފަ އެވެ. އަދި ވާނުވާ ބަންދުގައި ހުކުމެއް ނުކޮށް ޖަލުގައި ތިބޭ މީހުންގެ މައްސަލަތައްވެސް އަވަހަށް ނިންމުމަށް ގޮވާލެއްވި އެވެ.