Last Updated: December 26, 21:05
Thursday, December 26, 2024
މުނިފޫހިފިލުވުން

'އެނިމަލް ޕާކް' ގައި ރަންބީރްގެ ޑަބަލް ރޯލެއް

މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "އެނިމަލް" ގެ ދެވަނަ ބައިގައި ޑަބަލް ރޯލަކުން ފެންނާނެ ކަމަށާއި އޭގެ ޝޫޓިން ފަށާނީ 2027 ގައި ކަމަށް ރަންބީރް ކަޕޫރް ބުނެފި އެވެ.

މިހާރު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ތެރެއިން ޑެޑްލައިނަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް ޑައިރެކްޓަރު ސަންދީޕް ވަންގާ ކުރަމުން އަންނަ ކަމަށެވެ.

ރަންބީރް ބުނީ ޑައިރެކްޓަރު މިހާރު ބޭނުން ވަނީ "އެނިމަލް" ޓްރިލޮޖީއަކަށް ހަދަން ކަމަށެވެ. އަދި މި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

"ދެވަނަ ބައިގައި އަހަންނަށް އެބައޮތް ދެ ރޯލެއް. އެއީ ފިލްމުގެ ލީޑާއި ވިލަންގެ ރޯލު. އެހެންވުމާ އެކީ ވެސް މިއީ ވަރަށް އެގްޒައިޓިން ޕްރޮޖެކްޓެެއް." 2022 ގެ "ޝަމްޝޭރާ" ގައި ވެސް ޑަބަލް ރޯލެއް ކުޅުނު އެކްޓަރު ބުންޏެވެ.

"އެނިމަލް" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމެއް ނަމަވެސް މިއީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ފިލްމެކެވެ. ސަބަބަކީ އަނިޔާވެރިކަން އިންތިހާ އަށް ބޮޑުވުމާއި އަންހެނުން މާ ބަލިކަށި ބައެއްގެ ގޮތުގައި ދެއްކުމެވެ. "އެނިމަލް" ގެ މައިގަނޑު ޕްލޮޓަކީ ބައްޕައަކާއި ދަރިއަކާ ދެމެދު އޮންނަ ދުރު ގުޅުމެކެވެ.

މީގެ ކާސްޓްގައި އަނިލް ކަޕޫރް، ރަޝްމިކާ މަންދަނާ، ބޮބީ ޑިއޯލް އަދި ޓްރިޕްތީ ދިމްރީ ހިމެނެ އެވެ.

ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ، ރަންބީރް މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ހުރާފީ ފިލްމު "ރާމާޔަން" އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ލޯބީގެ ފިލްމު "ލަވް އެންޑް ވޯ" އެވެ.