Last Updated: December 26, 18:06
Thursday, December 26, 2024
ޚަބަރު

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ އިސްލާހު ބިލު ބަލައިގެންފި

މެންބަރުން މަޖިލީހުގެ ތަޅުމުގައި-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ. މި ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ނިންމާލާފަ އެވެ.

މި ބިލު މަޖިލީހަށް ބަލައިގެނެފައިވަނީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މަސްތުވާތަކެއްޗާގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ކަމަށެވެ. މީގެއިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށްވެސް ފާހަގަ ކޮށްފައިވެ އެވެ.

މި އިސްލާހުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި، ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމެވެ. މީގެއިތުރުން މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުމުގެ އިތުރުން އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުންކަން ފާހަގަ ކޮށްފައިވެ އެވެ.