Last Updated: December 26, 11:09
Thursday, December 26, 2024
ޚަބަރު

މަސައްކަތް ކުރަނީ ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭން

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްއޭ އެކުލަވައިލާ ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބޭރު ފައިސާގެ ބިލަށް އަމަލުކުރަން ފެށުމާއެކު ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު މާރުވެގެންދާނެ ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ރައްޔިތުން އަދި ޖުމްލަކޮށް މުޅި ގައުމަށް ފައިދާވެގެންދާނެ ކަމަށެވެ.

"މިފަދަ ކަންތައްތައް އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކާ. މުއްސަނދިކަން ގެނެސްދިނުމަށްޓަކާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މުއްސަނދިކަން އިތުރުކުރުމަށްޓަކާ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ކުރިއަށް ގެންދާނެ ކަމަށާއި ރައްޔިތުންނަށް ލިބެމުންދާ އެއްވެސް ސަބްސިޑީއެއް، އިނާޔަތެއް އަދި ޕެންޝަނެއް އުނި ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި ތަފާތު އެކި ފިޔަވަޅުތައް އަޅައިގެން ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރު ސިވިލް ސާވިސް އާއި ޖުޑިޝަރީގެ މުސާރަ ބޮޑުވެގެންދާނެ ކަމަށާއި އަދި 2026 ގައި ދެން ހުރި މުއްސަސަސާތަކުގެ މުސާރަތައް ވެސް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެއްޗެއް އުނި ނުކޮށް މުއްސަނދިކަން އިތުރުކޮށްދޭނީ. އެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ އަންނަ އަހަރު ތަފާތު އެކި ދާއިރާތަކަށް ރިޔާސީ އިންތިހާބުތެރޭ ވެފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.