މިއަދަކީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަހެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ވި ވައުދާ އެއްގޮތަށް މާދަމާ އިން ފެށިގެން އެކަން ހިނގަން ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މިއަދަކީ ދިވެހި މަސްވެެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ރައީސް ގެންދަވަނީ އެމަނިކުފާނުގެ ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދަވަމުން ކަމަށެވެ.
"މަސްވެރިންގެ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރައްވާ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭގޮތަށް މިއަދު ހަމަޖެއްސެވިކަމީ މަސްވެެރިންގެ ކަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ އަލިގަދަ ހެއްކެއް،" ޝިޔާމް ވިދާޅުވި އެވެ.
ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ގާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރޮޓީ (އެމްއެމްއޭ) އިން އިއްޔެ ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެހެންވެ ބީއެމްއެލްގެ އެކައުންޓް އޮންނަ އޮޑިވެރިން ކިރުވާ މަހަށް، 48 ގަޑި އިރުތެރޭގައި މާދަމާ އިން ފެށިގެން ފައިސާ ޖަމާވަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެން އޮތީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓް އޮންނަ އޮޑިވެރިންނަށް ފައިސާ ހަމަ އެ އުސޫލުން ދޫކުރެވޭ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެހެންވެ އެ ބޭންކާ ގުޅިގެން އެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.