ކުރިއަށް އޮތީ ގެދޮރު ބިނާކުރަން އެންމެ ގިނަ މަޝްރޫއު ހިންގާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. ހިންމަފުށި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާއެކު ރައްޔިތުން އެދޭ ކަންކަމަށް އަމަލީ ސިފަޖެހޭނެ ކަމަށާއި އެގޮތުން އެންމެ އިސްކަމެއް ދޭނީ ގެދޮރު ބިނާކުރުމަށް ކަމަށެވެ.
"ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރެއްގެ ތެރޭގައި ކުރިއަށް ގެންދެވޭ އަހަރަށް 2025 ވާނެ،" ރައީސް ވިދާޅުވި އެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރަށް ދެން އެންމެ އިސްކަން ދެނީ ތައުލީމީ އަދި ސިއްހީ ދާއިރާ އަށް ކުރިއެރުން ގެނެސްދޭން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެއަށް ފަހު ދެން އެންމެ އިސްކަން ދޭނީ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ތަރުތީބުކޮށްފައިވަނީ ފެނާއި ނަރުދަމާ އެޅުން ކަމަށާއި އެކަން ފުރިހަމަވެފައި ހުރި ރަށްތަކުގައި މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަަމަށެވެ. އަދި އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތަކާއި ރަށްރަށަށް ބޭނުންވާ މުހިއްމު ކަންކަން ފުއްދުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދަން ކަމަށާއި ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ ވެސް އެއީ ކަމަށް ވިދާޅުވެފަ އެވެ.