Last Updated: December 25, 21:46
Wednesday, December 25, 2024
ޚަބަރު

ސިޓީ ހޮޓާ މަޝްރޫއު ކުރިއަށް ގެންގޮސްދޭން އެދިއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިޓީ ހޮޓާ މަޝްރޫއު ކުރިއަށް ގެންގޮސްދޭން ކ. އަތޮޅު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަމާއި އަތޮޅުގެ ވަކި ވަކި ރަށްރަށަށް ބޭނުންވާކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅަކަށްވާތީ އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިފައިވެ އެވެ.

އަދި މާފުށީގައި ޙައްޖު ކޯޕަރޭޝަނުން ހިންގުމަށް ބޭނުންވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވެސް އެދިފައިވެ އެވެ.

މީގެއިތުރުން އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރި އެވެ. އަދި މުޅި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވައި ފަރުމަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ވެސް ކައުންސިލުން ވަނީ ރައީސްއާ ހިއްސާކުރައްވާފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ސިޓީ ހޮޓާ މަޝްރޫއު ކުރިއަށް ގެންގޮސްދޭން އެދިފައިވާއިރު، ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހިންގުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ވިދާޅުވެފަ އެވެ. އެގޮތުން އެކަމެއްގެ ސްޕެޝަލިސްޓުންނާއި ހަވާލުކޮށްގެން އެ ފައިދާ ކުންފުންޏަށް ހޯދައިފިނަމަ އޭގެ ނަތިޖާ ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"އެޗްޑީސީއާ، ހައްޖު ކޯޕަރޭޝަނާ ނޫނީ ފެނަކައިން ގެސްޓް ހައުސްއާ ރިސޯޓް ހެދީމަ، އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން." ޒަމީރު ވިދާޅުވި އެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގައި މީގެކުރިން ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުން ކަމަށެވެ.

އެގޮތުން ހަލާލް ޓޫރިޒަމް ތައާރަފްކޮށް މާފުށީގައި ސިޓީ ހޮޓަލެއް ހިންގުމަށް މާފުށީ ކައުންސިލްގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަނާ ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް އުފާއްދާ އެރަށުގައި ސިޓީހޮޓަލެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓް އަޅައިގެން ވިއްކުމަށްވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.