ގައުމު ހަލަބޮލި ކުރަން ޖާގަ ނުދެވޭނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައިމިވަނީ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ" ނަމުގައި އެމްޑީޕީން މާދަމާ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ސުލްހަވެރިކަމާއެކު ހިޔާލުފާޅުކޮށް ސުލްހަވެރި ސިޔާސީ ހަރަކާތަށް ސަރުކާރުން ހިތްވަރުދީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދޭ ފުރުޞަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ދަނޑިކޮށި ޖަގަހައަށް ބޮނޑިބަތް ކާންކަމަށް ބުނެ މަގުމައްޗަށް ނުކުމެ ޤައުމު ހަލަބޮލި ކުރުމަށް ޖާގަ ނުދެވޭނެ ކަމަށެވެ.
ޝުޖާއު މިހެން ވިދާޅުވި އިރު މާދަމާ ރޭގެ ޖަލްސާ އަށް ހުރަސްއަޅައިފިނަމަ މަގުމަތީގައި ވެސް ޖަލްސާ ބާއްވަން ތައްޔާރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކުރަން އުޅޭ ކަންކަމަށް ގާނޫނާ ހިލާފަށް އެއްވެސް ބަޔަކު ހުރަސްއަޅައިފިނަމަ މަގުމައްޗަށް ނިކުންނާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަގުމައްޗަށް ނެރެން ބޭނުންވާނަމަ އެހެން ނަހަދާ ހަމަ ވިދާޅުވާންވީ، އަޅުގަނޑުމެން ކައިރީ މަގުމައްޗަށް ނިކުމެލަދޭށޭ. އަޅުގަނޑުމެން ނިކުންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ވަކި ރޭވުންތެރިކަމެއްގެ ތެރެއިން ސިޔާސީ ހަރަކާތް އިންތިޒާމު ކުރާ ޕާޓީއެއް ކަމަށާއި ސަރުކާރަށް އެއް އަހަރު ދެވުނުއިރު ޖަވާބުދާރީކުރަން ދެއްކި އެއްވެސް ވާހަކައެއް ސަރުކާރުން އަޑެއް ނޭހި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެބަ މަޖުބޫރުވޭ އަޅުގަނޑުމެންގެ އަޑު ބާރުކޮށްލަން. އެގޮތުން ކުރާ ކަމެއް މާދަމާ ރޭގެ ޖަލްސާ އަކީ،" ފައްޔާޒު ވިދާޅުވި އެވެ.