ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް އެމްޑީޕީގެ އާންމު މެންބަރަކު ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެ މީހާގެ ވާހަކަތައް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ދިފާއުކުރި މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެ ރަށަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރަކު ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
އެ ވާހަަކަތަކާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ފައްޔާޒު މިއަދު ވިދާޅުވީ ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަަށް ވެދާނެ ކަމަށް އެމީހާ ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ މި ވާހަކަތަކާއި ގުޅިގެން އަބްދުލްރަހީމް ވިދާޅުވީ މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށާއި މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި ޢަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެންނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީންގެ ވެރިކަން ނިމިގެން ދިޔައީ 1953 ވަނަ އަހަރު މާލޭގެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ގެނައި އިންގިލާބަކުންނެވެ.