އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީގެ މަރާމާތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަސްގައި ބޭއްވި 37 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިކަމުން ދައްކުވައިދެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ކަމަށެވެ.
"މިއަދު އަޅުގަނޑު ފަހުރުވެރިކަމާއެކު އިއުލާންކުރަން، އިންޑިއާ ސަރުކާރުން ވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، އައްޑޫ ކެމްޕަސްގެ މަރާމާތަށް 8.5 މިލިއަން ރުފިޔާގެ އެހީ ދެއްވާފައި. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. މިކަމުން ދައްކުވައިދެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައި އޮތް ޑްރަގުގެ ވަބާ އިން ރާއްޖެ އެއްކޮށް ސަލާމަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ގޭންގުތައް ހަދައިގެން ކުށްތައް ކުރުން އެއްކޮށް ހުއްޓުވުމަކީ ދެކެން ބޭނުންވާ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ.
"އެއީ ތިކުދިންގެ މިޝަން. ކުށުގެ މާހައުލުގައި އުޅޭ، ކުށް ކުރަމުންދާ ތުއްތުކުދިން އެ މާހައުލުން ސަލާމަތްކޮށް ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ ކުދިންނަކީ ދިވެހިރާއްޖެއަށް ފައިދާ ހުރި ޒުވާނުންތަކަކަށް ހެދުމަކީ އަޅުގަނޑުމެން ގުޅިފައިވާ މި ހޯމް ޓީމުގެ ޒިންމާގެ ތެރެއިން ފުލުހުންގެ ކޮނޑުގައި އެޅިގެންދާ ބޮޑު ޒިންމާއެއް،" އިހުސާން ވިދާޅުވި އެވެ.
ފުލުހުންގެ 37ވަނަ އަސާސީ ތަމްރީނު ކޯހުން ޖުމްލަ 171 އޮފިސަރުން ވަނީ ދަސްވެނިވެފަ އެވެ. އެ ކޯހުން އެންމެ މޮޅު ދަރިވަރު، ޕޮލިސް ކޮންސްޓަބަލް ހަސަން ޝާމިލަށް ކޮމިޝަނާ އެކްސެލެންސް އެވޯޑު ވަނީ އަރުވާފަ އެވެ.