ރާއްޖެ މިއަދު މިއޮތީ ބަނޑަށް ޖެހިފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އާދައިގެ ކިތަންމެ އާއިލާއެއް މިއަދު ތިބީ ބަނޑަށް ޖެހިފައި ކަމަށާއި ސަރުކާރުގައި ތިބި ބޭފުޅުންނަށް އެކަން ނޭނގެނީ ކަމަށެވެ.
"ގަރުދިޔަ ކާން އެބުނާ ފެންވަރުގެ ގިންތިތަކުގައި ތިބި މީހުން އެތިބީ ބަނޑަށް ޖެހިފައި ހަގީގަތުގައި ވެސް. މި ބޭފުޅުންނަށް ނޭނގެނީ އިނގޭތޯ. އެކަމު އެމީހުން އެތިބީ ބަނޑަށް ޖެހިފައި. ކިތައް ފެމިލީތޯ އެހާ ހިތްދަތިކަމާއި އެކީ އެ އުޅެނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ދުވަހަކު އިތުރު ނުވާ ވަރަށް މާލޭގައި ވައްކަން ކުރުން އިތުރުވެފައިވާ ކަމަށާއި މިކަން އިތުރުވެގެންދަނީ ސަބަބެއް އޮވެގެން ކަމަށެވެ. އަދި މިކަމަށް ފުލުހުން ވެސް އެޑްރެސް ކުރަންޖެހޭ ކަމަށާއި ރާއްޖެ މިއޮތީ ހަގީގަތުގައި ވެސް ބަނޑަށް ޖެހިފައި ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރާއްޖެ މިއޮތީ ބަނޑަށް ޖެހިފައި، ގަބޫލުކުރިޔަސް ނުކުރިޔަސް. ދެން ގޭގެ އަށް ބައި ކިލޯ ހަނޑޫ، އެއް ކޭސް މަސްދަޅު މިހެން ނުކިޔަފާނެ. އެކަމަކު ހަގީގަތުގައި ވެސް ރާއްޖެ މިއޮތީ ބަނޑަށް ޖެހިފައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހެން ވިދާޅުވި އިރު ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދިފަހުން ވިދާޅުވެފަ އެވެ.
ރާއްޖެ ދަރަނިތަކުން ސަލާމަތް ކުރުމަށް ރައީސް މުއިއްޒު ހުންނެވީ ވަރަށް ރަނގަޅަށް ޕްލޭން ކުރައްވައިގެން ކަމަށާއި މިކަމުގައި މިދިޔަ އެއް އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.