ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް އަންގައިފި އެވެ.
އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ" ނަމުގައި ބާއްވާ ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޖަލްސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ކުރުމަށް އަންގައި އީސީން އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެމްޑީޕީން ކަންކަން ކުރަމުން އަންނަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
މިފަދަ ސިޓީއެއް އެމްޑީޕީ އަށް ފޮނުވަން ޖެހުނު ސަބަބު ސާފުކުރާނެ ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އާންމު އުސޫލުން ފޮނުވި ސިޓީއެއްތޯ ވެސް އީސީގެ ފަރާތުން ސާފުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ އަކީ ވަކި ރޭވުންތެރިކަމެއްގެ ތެރެއިން ސިޔާސީ ހަރަކާތް އިންތިޒާމު ކުރާ ޕާޓީއެއް ކަމަށާއި ސަރުކާރަށް އެއް އަހަރު ދެވުނުއިރު ޖަވާބުދާރީކުރަން ދެއްކި އެއްވެސް ވާހަކައެއް ސަރުކާރުން އަޑެއް ނޭހި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެބަ މަޖުބޫރުވޭ އަޅުގަނޑުމެންގެ އަޑު ބާރުކޮށްލަން. އެގޮތުން ކުރާ ކަމެއް މާދަމާ ރޭގެ ޖަލްސާ އަކީ،" ފައްޔާޒު ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒު ވަނީ މާދަމާ ރޭގެ ޖަލްސާ އަށް ސިޔާސީ ހުރިހާ ޕާޓީތަކަށް ވެސް ދައުވަތު އަރުވާފަ އެވެ. މި ޖަލްސާގެ ތެރެއިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި މުހިއްމު ނިންމުންތަކެއް ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.