Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ފުލުހުންގެ އަސާސީގެ ކޯހުގެ އެއްވަނަ ޝާމިލަށް

އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ހަސަން ޝާމިލް ހޮވިއްޖެ އެވެ.

ކޯހުގެ ނިމުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ޝާމިލަށް ކޮމިޝަނަ އޮފް ޕޮލިސް އެކްސެލެންސް އެވޯޑް ހަވާލުކޮށް
ދެއްވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އެވެ. ޝާމިލަކީ ކީހުގެ އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރު ވެސް މެ އެވެ.

ޖުލައި މަހުގެ 9 އިން މި މަހުގެ 9 އަށް ހިންގި 37 ވަނަ އަސާސީ ކޯހުގެ ނިމުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު އެވެ.

އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ސީޕީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އިންޑިއާގެ، ސަރުދާރު ވައްލަބައި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރު އަމިތް ގަރޖް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ވެސް ބައިވެރިވި އެވެ.

ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް މުޙައްމަދު އައިމަން ހޮވިފައިވާ އިރު ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޢަބްދުﷲ ޒިޔާން ޢަލީ އެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މުޙައްމަދު އައިމަން އެވެ. ދެވަނަ ދަރިވަރަކަށް ސާޖަންޓް ނަހުމާ ޢަބްދުﷲ ހޮވުނު އިރު ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހުސައިން އައިހަމް އެވެ.

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޝާމިލް ހޮވުނު އިރު، ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އާޠިފް އަލީއެވެ. އަދި ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް ނާސިރު އެވެ.

އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަސާސީ ތަމްރީނު ކޯހުގެގެ 37 ވަނަ ބެޗްގައި 198 ފުލުހުން ބައިވެރިވެ 171 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެ އެވެ.