އެހެން މީހުންގެ ޙައްގުތަކުގެ ދިފާޢުގައި ތެދުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެކަކު އަނެކަކުގެ ހައްގު ގުޅިލާމެހިފައިވާ ކަމަށާއި ތިމާގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެހެން މީހުންގެ ހައްގުތަކުގެ ދިފާޢުގައި ތެދުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މި އުސޫލަކީ މީގެ 75 އަހަރު ކުރިން އުފެދުނު އދގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ އަސާސް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރޫހާ އެއްގޮތަށް ރާއްޖެ ދެމި އޮންނާނީ އަބުރުވެރިކަމާއި، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ އަސާސްގެ މައްޗަށް ހިމެނޭ ޑިމޮކްރަސީއެއް ބިނާކުރުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ސުލްހަވެރި އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެންމެންނަށް ސިއްހީ ފަރުވާއާއި ތައުލީމާއި އަދުލުވެރިކަން ލިބޭ ގޮތަށް ރާއްޖޭގެ ހާއްސަ ތަބީއަތަށް ރިއާޔަތްކޮށްގެން ސަރުކާރުން ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވައިލަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، މަސައްކަތްތެރިންގެ ހައްޤުތައް ޙިމާޔަތްކޮށްދީ، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގައި މިސަރުކާރުން ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.