Last Updated: December 24, 23:27
Tuesday, December 24, 2024
ޚަބަރު

ވައިބާ ހެކްކުރަން ސްކޭމަރުންގެ އާ އުކުޅެއް، ސަމާލުވޭ

ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިކަން ފާހަގަކުރެވިފައިވަނީ އެ އިދާރާ އަށް ހުށަހެޅެމުންދާ މައްސަލަތަކުން ކަމަށެވެ.

"މި އައު އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެއެވެ. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވާ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދެއެވެ. އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށެވެ،" ފުލުހުން ބުނެ އެވެ.

މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބާ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.