ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޭރު ފައިސާއާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ.
މި ބިލު މާލިއްޔަތު ކޮމިޓީ އަށް ފޮނުވާފައިވާއިރު، މި މަހުގެ 15 ގެ ކުރިން ބިލު ފާސްކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
ބިލުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބޭ އާމްދަނީން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާލުކުރަންވާނެ ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ ރިޒޯޓްތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިޒޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. މީގެއިތުރުން ކެޓެގަރީ ބީ ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. އަދި މިކަމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
ބޭރު ފައިސާ މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެތަނެއްގައި 24 ގަޑިއިރު ހޭދަކޮށްފައިނުވާ ޓޫރިސްޓުންނާއި، 10 އަހަރު ފުރިހަމަނުވާ ކުޑަކުދިންނާއި، ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތަކުގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.
މީގެއިތުރުން، މިމަގުން ބޭންކަކަށް ލިބޭ ބޭރު ފައިސާގެ ތެރެއިން އެމްއެމްއޭއިން ކަނޑައަޅާ ވަކި އިންސައްތައެއްގެ ފައިސާ، އެމްއެމްއޭއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ބޭންކަކުން އެމްއެމްއޭއަށް ވިއްކަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.