އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ، އަޒްލިފް ރައޫފް ދައުލަތުގެ އިދާރާތަކަށް 'ނޭނގި' ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލައަކީ ގިނަ ދިވެހި ރައްޔިތުންތަކެއް އެކަމާއި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ގެންދާ ކަމެކެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިޔާސީ މީހުން އެކަމާއި މެދު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރެ އާއި ޖެހެން ދެން އެމައްސަލައާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ "ހަނު" ގައެވެ.
ރޭ މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ތުހުމަތު ކުރެވޭ އަޒްލިފަށް، ތަހުގީގު ހިނގަ ހިނގައި އޮއްވައި ރާއްޖެއިން ބޭރަށް ދެވިގެން ނުވާނެ ކަމަށާއި އެހެންވެ އެކަން ތަހުގީގު ކުރަން ފުލުހުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ އަޒްލިފް ސީރިޔާގައި ހަނގުރާމަކުރަމުން ދަނިކޮށް މަރުވެފައިވާކަމަށް އޭނާގެ އާއިލާގެ ބައެއް މީހުންނާއި ރައްޓެހިންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އަޒްލިފް މަރުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ. ނަމަވެސް އޭނާ މަރުވި ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޑިފެންސް މިނިސްޓަރ ކަމުގައި އޭރު ހުންނެވި ކާނަލް މުޙައްމަދު ނާޒިމް، ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމާއި ގުޅިގެން ޑިފެންސް މިނިސްޓަރީ ހިންގެވުން އަދީބު އާއި ހަވާލުކޮށްފައިވާ ކަމަށް ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އަޒްލިފް ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އަޒްލީފް ފުރައިގެން ދިޔަ މައްސަލަ ވީހާވެސް ފުރިހަމައަށް ބެލުމަށް ފުލުހުންނަށް އެދިފައިވާކަމަށެވެ. އަދި ފުލުހުން މިއަދު ބުނީ އެ ތަހުގީގު ފަށާފައިވާ ކަމަށާއި ސުވާލު ކުރަންޖެހޭ އެއްވެސް ފަރާތެއް ވާ ނަމަ އެކަން ކުރާނެ ކަމަށެވެ.
ރައީސް ޔާމީންގެ އެންގެވުމުގެ މަތީން އިމިގްރޭޝަންގެ އެއްވެސް ފަރާތެއްގެ އިހްމާލެއްވޭތޯ ބެލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ވަނީ ފަށާފައެވެ. އަދި އެކަމާއި ގުޅޭ ފުރިހަމަ ތަފްސީލް ވަރަށް އަވަހަށް ދަންނަވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މިއަދު ވަނީ ވިދާޅުވެފައެވެ.
އަޒްލީފް ރައޫފް ރާއްޖެއިން ފުރައިގެން ސީރިއާއަށް ދިޔަ މައްސަލާގައި އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އާއި އިމިގްރޭޝަނުން ވެސް އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އިމގްރޭޝަން އާއި ޑިފެންސް މިނިސްޓްރީ އާއި އޭރު ހަވާލުވެގެން ހުންނެވީ ރައީސް އެންމެ "އިތުބާރު" ކުރައްވާ އަދި ރާއްޖޭގެ ނައިބް ރައީސް ޑރ. ޖަމީލް އެ މަގާމުން ދުރުކުރުމަށް ފަހު، ނައިބު ރައީސް ކަމަށް ގެންނާނެ ކަމަށް އަޑުފެތުރިފައިވާ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބްއެވެ.
އަންނަ ހޯމަ ދުވަހު ނައީބް ރައީސް މަގާމުން ދުރުކޮށް ނައީބް ރައީސްއަކަށް ބޭފުޅަކު އައްޔަން ކުރައްވަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ރައީސް ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަކުން އަދީބުއަށް ތާޢީދު ކުރާ ޒުވާނުން ނަށް ވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.
ފަހަރުގައި ރައީސް ޔާމީން އާއި އެންމެ އަރިސް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ފަދައިން "ސިޔާސީ" ގޮތުން ފަހު ވަގުތު އަދީބް ގެއްލުވާލުމަށް ބޭނުންކުރައްވާނެ އުކުޅެއް ނޫން ބާވައެވެ ؟
ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އަދީބު އަކީ ހަމަ އެކަނި ތަސްވީރެކެވެ. އޭނާ ހުރިހާ ކަމެއް ކުރައްވަމުން ގެންދަނީ ސީދާ ރައީސް ޔާމީން ވިދާޅުވާ ގޮތަށެވެ. ނަމަވެސް 'އަދީބް ފޯ ވީޕީ" ކެމްޕެއިންގެ ތެރެއިން ހިނގާ ދިޔަ ބައެއް ކަންތަކާއި ގުޅިގެން ރައީސް ޔާމީނާއި އަދީބް އާއި ދެމެދު ކުޑަ 'މައްސަލަ' ތަކެއް ޖެހުނު ކަމަށް ވެއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އަނބިކަނބަލުން ވެސް އަދީބު ނައިބު ރައީސަކަށް ގެންނަން ބޭނުންފުޅު ނުވާކަމަށް ވާހަކަ ދެކެވެމުން ދާއިރު ރޭ ރައީސް ޔާމީން ވިދާޅުވި ބަސްފުޅުން ނައިބު ރައީސް ކަމަށް އެހެން ބޭފުޅަކު އައްޔަން ކުރުމަކީ ވެސް އެކަށީގެން ވާ ކަމަކެވެ.
ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހު އެކަން ވެސް ސާފުވެގެން ދާއިރު ދިވެހި ރާއްޖޭގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެވިގެން ދާނީ 'ސަޕްރައިޒް' ނައިބް ރައީސަކަށް ވެސް ވެދާނެއެވެ.