Last Updated: December 21, 21:26
Saturday, December 21, 2024
ރިޕޯޓް

ކުޑަކުދީން ކުރިމަތީގައި ޢައުރަ ކަޝްފުވުން، ސަމާލުވޭ!

ކުޑަކުދީންގެ ތެރެއިން ތަންދޮރު އެނގޭވަރުގެ ކުދީން، އެއީ ބާލިޣްނުވާ ޢުމުރުގެ ކުދީން ކަމުގައި ވިޔަސް އެ ކުދީންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެން ނުވެ އެވެ. އެހެނީ ގޭގެ އަހުލުވެރީން ފޭރާން ލުއިކޮށްލާ ތިން ވަގުތުގައި، ބާލިޣްވުމުގެ ޢުމުރަށް ނުފޯރާ ކުޑަކުދީން ވެސް ކޮޓަރިތަކަށް ވަދެ ނުކުމެ އުޅޭއިރު، ވަނުމުގެ އިޛްނަ ހޯދުމަށް (ހުއްދަ ހޯދުމަށް) އެ ކުދީންނަށް އެންގުމަށް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް އަމުރު ކުރައްވާފައިވެ އެވެ.

(يَا أَيُّهَا الَّذِينَ آَمَنُوا لِيَسْتَأْذِنْكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنْكُمْ ثَلَاثَ مَرَّاتٍ مِنْ قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُمْ مِنَ الظَّهِيرَةِ وَمِنْ بَعْدِ صَلَاةِ الْعِشَاءِ ثَلَاثُ عَوْرَاتٍ لَكُمْ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ طَوَّافُونَ عَلَيْكُمْ بَعْضُكُمْ عَلَى بَعْضٍ كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الْآَيَاتِ وَاللَّهُ عَلِيمٌ حَكِيمٌ) النور/58 .

އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައި މީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣުވުމުގެ ޢުމުރާހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިންވަގުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޛްނަލިބިގަންނަ ހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރު ވަގުތު ތިޔަބައި މީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަގުތުގައްޔާއި، ޢިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިންވަގުތެކެވެ. އެވަގުތުތަކަށްފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެއުރެންގެ މައްޗަކަށް ވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެއުރެންނީ) ތިޔަބައި މީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއްބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން اللَّه، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވަތެވެ. އަދި اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާނގެއެވެ.

ތަންދޮރު އޮޅުން ފިލާ ކުދީން ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ނަހީވުމުގެ ޙިކުމަތަކީ އެ ކުދީން ޖިންސީ ކަންކަމަށް ޝައުޤުވެރިވެ، އެކުދީން ބޮޑެތިވާއިރު އެކުދީންގެ އަޚްލާޤަށް އެފެންނަ ފެނުމުގެ އަސަރުކޮށް އަޚްލާޤު ފަސާދަވެދާނެތީ އެވެ.

ޢައުރަ ކަޝްފުކުރުން ހުއްދަވެގެން ނުވަނީ ކޮން ޢުމުރެއްގެ ކުއްޖެއްގެ ކުރިމަތީގައި ހެއްޔެވެ؟

މިސުވާލުގެ ޖަވާބުގައި ބުނެވޭނީ އެއީ ޢުމުރަށްވުރެ ބޮޑަށް އެކުއްޖާއަށް ތަންދޮރު އެނގުމާއި ނޭނގުމަށް ބިނާވާ ކަމެއްކަމަށެވެ.

ޒަކަރިއްޔާ އަލްއަންޞާރީ ޝަރްޙުލް ބަހުޖަތި ގައި ވިދާޅުވެފައިވެއެވެ. “ފެންނަ އެއްޗެއް އެހެން މީހުންނަށް ކިޔައިދޭން ނޭނގޭ ޢުމުރުގެ ކުއްޖާގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެންވެއެވެ.” شرح البهجة (4/98)

މިއީ ރަނގަޅު މިންގަނޑެކެވެ. ފެންނަ އެއްޗެއް އެހެންމީހުންނަށް ކިޔައިދޭން ނޭނގޭ ޢުމުރުގެ ކުދީން މިސާލަކަށް އެއް އަހަރު ނުވަތަ ދޮޅު އަހަރުގެ ކުދީންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެންވެއެވެ. އަދި، ފެންނަ އެއްޗެއް ކިޔައިދޭން އެނގޭ ކުދީން މިސާލަކަށް ދެ އަހަރު ނުވަތަ ތިން އަހަރުގެ ކުދީންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެން ނުވެ އެވެ. މިކަމުގައި ހެދި ބޮޑުވުމާއި ވާހަކަ ދެއްކުމުގައި އެކި ކުދީން ތަފާތު ވާނޭކަން ސަމާލުކަން ދޭންވާނެ އެވެ. ބައެއް ކުދީން ވަރަށް އަވަހަށް ހެދިބޮޑުވެ، ވާހަކަ ދައްކަން ފަށައެވެ. އަނެއްބައިކުދީންގެ މިކަންކަން ތަންކޮޅެއް ލަހެވެ.

ނޯޓް:

* މައިންބަފައިން ދަރީން ކުރިމަތީގައި ހެދުން ބާލައި، ހެދުން ލާ ހެދުން ވެސް މި ދެންނެވި ޢައުރަ ކަޝްފުކުރުމުގެ ތެރެއަށް ވަންނާނެއެވެ. އެއީ މަންމަ އަންހެން ދަރިފުޅުގެ ކުރިމަތީގައި ވިޔަސް، ބައްޕަ ފިރިހެން ދަރިފުޅުގެ ކުރިމަތީގައި ވިޔަސް މެ އެވެ.
* އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރަންވާނީ ޢައުރަ ނިވާކުރުމާއި ފޮރުވުމުގެ މައްޗަށް ވީހާ ވެސް ބޮޑަށް ބާރު އަޅައިގެންނެވެ.

والله أعلم

ނޯޓް: މިއީ ޝެއިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.