Last Updated: December 24, 23:05
Tuesday, December 24, 2024
ޚަބަރު

މިފްކޯއަށް އޮވަޑްރާފްޓު ފެސިލިޓީއެއް ހަމަޖެއްސި ވާހަކަ ދޮގުކޮށްފި

މަސްވެރިންނަށް ފައިސާ ދިނުމަށް އުސޫލުތަކާ ހިލާފަށް 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓް ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން މިހެން ބުނެފައި މިވަނީ، މަސްވެރިން މަސްކިރުވާތާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމަށް އެ ބޭންކުން މިފްކޯއަށް 700 މިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާ ކަމަށްބުނެ، "އަދަދު" ނޫހުން ގެނެސްދިން ހަބަރަކާ ގުޅިގެންނެވެ.

އެ ހަބަރު ދޮގުކޮށް ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނީ ބޭންކުން ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަނީ ބޭންކިން ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ބަލްކް ޓްރާންސްފާގެ ހިދުމަތް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ދެމުން އަންނަނީ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން 700 މިލިއަން ރުފިޔާގެ އޯވާޑްރާފްޓެއް އާންމު އުސޫލުތަކާ ހިލާފަށް ދޫކޮށްފައިވާ ކަމަށްބުނެ އަދަދު ނޫހުގައި ލިޔެފައިވާ ހަބަރު މި ބޭންކުން ދޮގުކުރަމެވެ. އަދި ބޭންކުގެ އިތުބާރު ގެއްލޭ ފަދަ ގޮތަށް ހަބަރު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކުރަމެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

ބީއެމްއެލުން އިތުރަށް ބުނީ އެ ބޭންކުގެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންގެ ރައްކާތެރިކަމަށްވީ ހިނދު، ބޭންކުން އަބަދުވެސް އަމަލުކުރަމުންދާނީ ބޭންކުން އަމަލުކުރަމުންދާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން މިފްކޯ އިން އިއްޔެ ވަނީ ފަށައިފަ އެވެ.