ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް އެމްޑީޕީގެ އާންމު މެންބަރަކު ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެ މީހާގެ ވާހަކަތައް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ދިފާއުކުރި މައްސަލަ ޕީއެންސީން ކުށްވެރިކޮށްފި އެވެ.
ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެ ރަށަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރަކު ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަަށް ވެދާނެ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
އެ ވާހަަކަތަކާއި ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަަށް ވެދާނެ ކަމަށް އެމީހާ ބުނީ ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ހިނގާފައި ހުރި ކަންކަން ވެރިންނަށް ހަނދާން ކޮށްދިނުމަކީ އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،" ފައްޔާޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަމީނާމެދު ކަން ހިނގައިދިޔަ ގޮތަކީ ރާއްޖޭގެ ތާރީހުގެ އަނދިރި ސޮފުހާއެއް ކަމަށާއި މިއަދު ގާއިމްކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި ހަމަނުޖެހުން ނުވައްދައި، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.
"މި ނިޒާމުގެ އަސާސުތަކާއި ހިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޕާޓީގެ އާއްމު މެންބަރަކު ދެއްކި ވާހަކަ ކުށްވެރި ކުރުމުގެ ބަދަލުގައި، އެ ޕާޓީގެ ޗެއާޕާސަންް ފައްޔާޒް އެ ވާހަކަތަކަށް އިތުރު ހިތްވަރު ދެއްވައި ވާހަކަދެއްކެވުމަކީ ނުރައްކާތެރި އަަމަލެކެވެ،". އެ ބަޔާނުގައި ވެ އެވެ.
އޭގެ އިތުރުން މިފަދައިން މީހަކާއި މެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ، ފައްޔާޒު އަދި އެމްޑީޕީގެ އާންމު މެންބަރުން ހިންގެވި މި އަމަލު ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަަވަޅުތައް އެެޅުމަށް ޕީއެންސީން ވަނީ ގޮވާލާފަ އެވެ.