މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިހާރު ކުރިއަށްދާ "މަސްވެރިންގެ ގުންޒަރު" ގައި މިފްކޯގެ ބިދޭސީ ސީއީއޯ ޑރ. ވިތާލީ ލުބިމޯވް ވެސް މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
އޭނަ އަކީ އެ ކުންފުނީގެ ފުރަތަމަ ބިދޭސީ ސީއީއޯ އެވެ. ވިތާލީ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ އިއްޔެ އެވެ. އެހެންވެ އޭނަ އަށް މިފްކޯ އިން މަރުހަބާ ކިޔައި، އޭނަގެ ލީޑަޝިޕްގެ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދު އޮތް ކަމަށް ބުނެފައިވެ އެވެ.
މިފްކޯ އަށް ބިދޭސީ ސީއީއޯ އަކު ހޯދީ ދެ ފަހަރެއްގެ މަތިން އިއުލާންކޮށްގެންނެވެ.
ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "މަސްވެރިންގެ ގުންޒަރު" ގައި ވިތާލީ ބައިވެރިވެވަޑައިގަންނަވާ އިރު، އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެން ވާހަމަ ދައްކަވާފައިވެ އެވެ. މި ގުންޒަރުގައި މަސްވެރިކަމުގެ ދާއިރާގައި އުޅޭ އެކި ފަންތީގެ ގިނަ ބަޔަކު ބައިވެރިވެ، ދާއިރާއާ ގުޅޭ ގޮތުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
"މަސްވެރިންގެ ގުންޒަރު" ނިންމައިލާނީ މާދަމާ އެވެ.