Last Updated: December 24, 23:27
Tuesday, December 24, 2024
ޚަބަރު

ޓެކުހަށް މަކަރު ހަދާތީ ކާނި ހޮޓެލްސް އަށް ދައުވާ ކުރަނީ

ކާނި ހޮޓެލްސްގެ ގެސްޓްހައުސްއެއް

ކާނި ހޮޓެލްސްގެ ނަމުގައި ކ. މާފުށީގައި ހިންގަމުން ގެންދާ 4 ގެސްޓްހައުސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފި އެވެ.

މީރާ އިން ބުނީ މި މައްސަލައަކީ 01 ޖަނަވަރީ 2019 އިން 30 ސެޕްޓެންބަރު 2022ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދާ "ކާނި ޕާމް ބީޗް'، "ކާނި ގްރޭންޑް ސީވިއު"، "ކާނި ވިލެޖް" އަދި "ކާނި ބީޗް" ގެސްޓްހައުސްތަކުން މީރާއަށް ހުށަހަޅައިފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށް ތުހުމަތުކުރެވޭތީ އާ، އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށެވެ.

ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހައި ގެސްޓުންގެ މައުލޫމާތު ހިމަނައިފައި ނުވާ ކަމަށް މީރާ އިން ބުނެ އެވެ. މިގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް (އެފްއައިޓީ)ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދި ހޯދުންތަކުން ފާހަގަ ކުރެވިފައިވާ ކަމަށްވެސް މީރާއިން ބުނެ އެވެ.

މީގެ އިތުރުން، އެކޮމަޑޭޝަންގެ އާމްދަނީގެ އިތުރަށް ވިޔަފާރިން ފޯރުކޮށްދޭ ހިދުމަތްތައް ކަމުގައިވާ އެއާޕޯޓް ޓްރާންސްފާ، ރެސްޓޯރަންޓް، ސްޕާ، އެކްސްކާޝަން ފަދަ "އެކްސްޓްރާސް"ގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައެއް އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ ބަޔާންތަކުގައި ހިމަނައިފައިނުވާކަމަށްވެސް މީރާއިން ބުނެ އެވެ.

މި މައްސަލައިގައި، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ ދެ ކުންފުނި ކަމުގައިވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ، ކުންފުނިތަކުގެ 2 ޑިރެކްޓަރުންކަމުގައިވާ އަބްދު ﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ އިތުރުން ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާކަމަށް މީރާ އިން ބުނެ އެވެ.

"މި ތަހުގީގާ ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި ޖުމުލަ 8 ލައްކައަށް ވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތްތަކަށް އަންގައިފައިވާނެ." މީރާ އިން ބުނެ އެވެ.

ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން 13 ނޮވެންބަރު 2022 ގައި ކ. މާފުށީގައި ހިންގާ ގެސްޓްހައުސްތަކުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް މީރާ އިން ބުނެ އެވެ.

މި އިންސްޕެކްޓްޝަންތަކުގައި މައުލޫމާތާއި އެހީތެރިކަން ފޯރުވައިދިނުމާއި އޮޑިޓް ކުރުމުގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކޮށްފައިވާ ކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން ކުރެވުނު އޮޑިޓްތަކުގައި ޓެކްސް ދައްކާ ފަރާތްތަކުން އިތުރަށް ދައްކަންޖެހޭ ޓެކްސް ކަނޑައަޅައި އެ ފައިސާ މީރާއަށް ދެއްކުމަށް އަންގާފައިވާ ކަމަށްވެސް މީރާ އިން ބުނެ އެވެ.