އިސްލާމީ ވެރިކަމެއް ހިނގާ، އިސްލާމީ ޝަރީޢަތާ ތަޢާރަޟު ނުވާ ޤާނޫނުއަސާސީއެއް އޮންނަ ކަމަށް ބުނާ ދިވެހި ރާއްޖޭގައި، މީސްމީހުން ބޭންކުތަކުން ނަގާފައި ހުންނަ ރިބަވީ ލޯނުތައް ނުދެއްކި ބަނގުރޫޓުވެފައިވާ މީހުންގެ އަތުންނާއި އެފަދަ ލޯނުތަކުގެ ދަލުގައި ޖެހި ސަލާމަތްނުވެވިގެން އުޅޭ އެތައްބައެއްގެ އަތުން ދިވެހިރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ބޭންކުތަކުން ރިބާ ނަގައިދެމުން ދެ އެވެ.
ރިބަވީ ލޯނު ނެގުމަކީ ފާފައެކެވެ. ވަރަށް ބޮޑު ފާފައެކެވެ. ހަމައެފަދައިން އެފަދަ ލޯނުތަކުގައި ހިމެނޭ ރިބާ ނަގައިދިނުމަކީވެސް ރިބާ ކެއުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.
ރިބާ ކާ މީހާ އަކީ، މީހުންނަށް ދަރަނި ދީފައި، ދަރަނި އަނބުރާ އަތުލާ އިރު، އިތުރަށް އަތުލާ މީހާ އެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މިފަދަ މީހަކީ މާތް ﷲ ގެ ލަޢްނަތް ލިބޭ މީހެކެވެ. އިސްލާމް ދީނުގައި ރިބާ ކެއުމުގެ ފާފަ އުފުލަން ޖެހެނީ، ރިބާ ކާ މީހާ އެކަންޏެއް ނޫނެވެ. ކިއެއްތަ، ރިބާ ކާ މީހާގެ އިތުރުން ރިބާ ދޭ މީހާއާއި ރިބާ ހިމެނޭ ދަރަނި ނަގާ މީހާ ވެސް ފާފަވެރިވެ އެވެ. އަދި ރިބާ ޢަޤުދު ލިޔެދޭ މީހާއާއި ހެކިވެރިވާ މީހުން ވެސް ފާފަވެރިވެއެވެ. ރިބާ ނަގައިދޭ ކޯޓުތައް ވެސް މި މުޢާމަލާތުގެ ތެރޭގައި ހިމެނެ އެވެ. އެހެނީ ރިބާ ނަގައިދިނުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅާ ޚިލާފު ކަމެކެވެ.
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ (المائدة: ٢) މާނައީ: ހެޔޮކަންތައް ކުޅައުމަށާއި ، ތަޤުވާވެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވެ ވާގިވެރިވާށެވެ. އަދި ފާފަކުޅައުމާއި ޢަދާވާތްތެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ ވާގިވެރި ނުވާށެވެ.
ރިބާއަކީ އޭގައި ލަޢުނަތް ހިމެނޭ ކަމެކެވެ. ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘްފުޅެއްގައި ވަނީ: لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا وَمُؤْكِلَهُ وَكَاتِبَهُ وَشَاهِدَيْهِ وَقَالَ هُمْ سَوَاءٌ މާނައަކީ: ”ރިބާ ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔާ މީހާއާއި އެކަމަށް ހެކިވެރިވާ ދެމީހުންނަށް، ވެސް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ލަޢްނަތް ލެއްވިއެވެ.” އަދި ވިދާޅުވިއެވެ: ”މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ.” (މުސްލިމް)
ރިބާ ނައްތާލުމަކީ އިސްލާމީ އިޤްތިޞާދީ ނިޡާމުގެ އެއްމެ މުހިއްމު މަޤްޞަދެވެ. އެހެނީ ރިބާގެ ފާފައިގެ ބޮޑުކަމާއި އޭގެ ނުރައްކާތެރިކަމުން މުޅި އިސްލާމީ އިޤްތިޞާދީ ނިޡާމް ފުނޑުފުނޑު ކޮށްލައެވެ. ބަރަކާތްކެނޑި ދުނިޔެއާ އާޚިރަތުގެ ބަލާވެރިކަން އޭގެވެރިމީހާއަށް ހުށަހެޅިގެންދެއެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ނައްޞުން ސާބިތުވާ ކަންތަކެކެވެ. އުއްމަތް ވަނީ މިކަމާ މެދު އިޖްމާޢުވެފައެވެ. މިކަމުގެ ނުބައިކަން ދެނެގަންނަން ބޭނުންވާ މީހަކަށް ކީރިތި ޤުރުއާނުގައި ރިބާއާ ބެހޭގޮތުން އައިސްފައިވާ އާޔަތްތައް ފުދެއެވެ.
ޤިޔާމަތް ދުވަހު ރިބާ ކާ މީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ : الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (البقرة 275) މާނަ: ”ރިބާ ކާމީހުން، ޝައިޠާނާ އެމީހުންގެ ގައިގައި ބީހުމުގެ ސަބަބުން ދެބަންދިހާރަވެފައިވާ މީހުން ކޮޅަށް ތެދުވާފަދައިން މެނުވީ، ޤިޔާމަތް ދުވަހު އެމީހުން ކޮޅަށް ނުތެދުވެވޭނެއެވެ. އެއީ ހަމަކަށަވަރުން ވިޔަފާރިއެކޭ ރިބާއެކޭ ހަމައެއްގޮތޭ އެމީހުން ބުނެއުޅުމުގެ ސަބަބުންނެވެ. އަދި އެކަމަކު ﷲތަޢާލާ، ވިޔަފާރި ކުރުން ޙަލާލް ކުރައްވާ، ރިބާ ކެއުން ޙަރާމް ކުރައްވައިފިއެވެ. ފަހެ އެމީހެއްގެ ގާތަށް އެމީހެއްގެ ރައްބުގެ ޙަޟްރަތުން ނަޞީޙަތާއި ވަޢުޡު އަތުވެއްޖެމީހާ (ރިބާގެ ޙުކުމް އިވިއްޖެމީހާ) ދެން އެއަށްފަހު އޭނާ ރިބާކެއުމާއި ރިބާގެ މުޢާމަލާތް ހުއްޓާލައިފިއްޔާ ދެން އޭގެކުރީގައި އޭނާގެ ކިބައިން އިސްވެދިޔަ ކަންތައް ދެން އިސްވެދިޔައީވެ. އޭނާގެ ކަންތައް ﷲ އިރާދަކުރެއްވި ގޮތަކަށް ނިންމަވާފާނެއެވެ. އެކަމަކު އޭގެ ޙުކުމް އެނގުމަށްފަހު އަލުންވެސް ރިބާގެ މުޢާމަލާތަށް ވަދެގެންފިމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ އެތާނގައެވެ.”
ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ﷲ ކަނޑުއްވާނެ ކަމެކެވެ. އަދި ޞަދަޤާތް ދިނުމަކީ މޮޅު އިތުރު ކަމެވެ. ވަޙީކުރެއްވިއެވެ. يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ(البقرة 276) މާނައަކީ : ”ﷲ ތަޢާލާ ރިބާގެ ފައިދާ މަދުކުރައްވާ ބަރަކާތް ކަނޑުއްވައެވެ. އަދި ޞަދަޤާތުގެ ފައިދާ އެއިލާހު ގިނަކުރައްވާ ބަރަކާތް ލައްވައެވެ. އަދި ކާފިރުކަން ބޮޑު ފާފަކުރުން ގިނަ އެއްވެސް މީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”
އަންނަނިވި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ، ﷲ އަށް ބިރުވެތިވުމަށެވެ. އަދި އީމާން ވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ. يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ(البقرة 278) މާނައަކީ :”އޭ އީމާންވެގެންވާ މީސްތަކުންނެވެ. ތިޔަބައިމީހުންނަކީ އީމާން ވާ ބަޔަކު ކަމުގައި ވަނީ ނަމަ ﷲ އަށް ބިރުވެތިވެ ވާށެވެ. އަދި ރިބާއިން އިތުރުވެފައިވާ ތަކެތި ތިޔަބައިމީހުން ދޫކޮށްލާށެވެ!”
ރިބާގެ ބާކީބައިވެސް ދޫކޮށްލަން ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވީމާ ރިބާ ނަގައިދޭނީ ކޮންފަދައަކުންތޯއެވެ؟ ހަމަކަށަވަރުންވެސް ﷲ އަށް ބިރުވެތިވާ މީހަކު މިފަދަ ކަމެއް ނުކުރާނެއެވެ.
ދެން އޮތީ ވަރަށް ބޮޑުކަމެއްގެ ވާހަކައެވެ. ޒިނޭކުރުމާއި ވައްކަންކުރުމާއި މިފަދަ ބޮޑެތި ފާފަތަކާ ގުޅޭގޮތުންވެސް އެފާފައެއް ކުރާ ބަޔަކާ ދެކޮޅަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނގުރާމަ އިޢުލާނުކުރައްވާފައިނުވެއެވެ. އެހެންނަމަވެސް ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރައްވާފައިވެއެވެ. އަހަރެމެންގެ މައްޗަށް ﷲ އާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވުމަކީ، ހިތެއް އޮތް ކޮންމެ މީހަކު ބިރުން ފިއްކަނޑައިގެން ދާން ޖެހޭ ވަރުގެ ކަމެކެވެ. فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ (البقرة 278) “އަދި ތިޔަބައިމީހުން ރިބާ ދޫނުކުރަންޏާ ދެން ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ބިރުވެތިވާހުށިކަމެވެ.”
ރިބާގެ ނުބައިކަން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅުންވެސް ވަރަށް ސާފުކޮށް އެނގެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. الرِّبَا ثلاَثة وَسَبْعُونَ بَاباً أيْسَرُهَا مِثلَ أنْ يَنكِحَ الرَّجْلُ أمَّه (رواه الحاكم في المستدرك وصححه الألباني) މާނައަކީ: ”ހަތްދިހަ ތިން ވައްތަރަކަށް ރިބާ ބެހިގެން ވެއެވެ. އޭގެ ތެރެއިން، ފާފަ އެންމެ ކުޑަ ވައްތަރަކީ، މީހަކު އޭނާގެ މަންމަ އާއި ކާވެނި ކުރުން ފަދަ ނުބައިކަން ބޮޑު ކަމެކެވެ.”
އެއްވެސް ބާވަތެއްގެ ޙަރާމް ކަމަކަށް ނުވަތަ އަނިޔާވެރިކަމަކަށް އެހީތެރިވުމަކީ އެއީ ދީނުގައި ޙަރާމް ކަމެކެވެ. އަދި އެއްވެސް ފާފައަކަށް އެހީތެރިވެ ދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއް ކަމުގައި، ދީން ދެކެއެވެ. ފާފަ ކުރާ މީހާއަށް ލިބޭ ފާފަ ވެސް ލިބެ އެވެ. އެއީ މާއްދީ ގޮތުން ނުވަތަ މަޢްނަވީ ގޮތުން ނުވަތަ ޢަމަލުން ނުވަތަ ބަހުން އެހީތެރިވި ކަމުގައި ވިޔަސްމެ އެވެ.
ނޯޓް: މިއީ ޝެއިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.