Last Updated: December 27, 05:44
Friday, December 27, 2024
ޚަބަރު

ވޯލްޑް ކަޕް ސައުދީގައި ބޭއްވުމަކީ ލިބުނު ފަހުރެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަކީ މުޅި އިސްލާމީ އުއްމަތަށް ލިބުނު ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ކަޕް 2034 ގައި ސައުދީގައި ބޭއްވުމަށް ނިންމިކަން ފީފާ އިން ރޭ ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ފީފާގެ ނިންމުމާއި ގުޅިގެން ސައުދީގެ ވެރިންނަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ ސަޢޫދީ ޢަރަބިއްޔާގެ ހައިބަތާއި ޤަދަރު ދުނިޔޭގައި އުފުލެމުންދާ ކަމުގެ ހެއްކެއް ކަމަށާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެ ގައުމުގެ ސާބިތުކަމާއި، ހަރުދަނާ ސިޔާސަތާއި އިސްނެގުމުގެ ދިރިހުރި މިސާލެއް ކަމަށެވެ.

މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން، ޢަރަބި ކަރަޔަށާއި އަދި މުޅި އިސްލާމީ އުންމަތަށް ލިބުނު ފަހުރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ 2034 ވަނަ އަހަރު ސަޢޫދީގައި އޮންނަ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަކީ ކުޅުންތެރިންގެ މޮޅުކަން ދައްކުވައިދޭ ވޯލްޑް ކަޕަކަށް ވުމުގެ އިތުރުން، އެއްބައިވަންތަކަމާއި ސަގާފަތާއި ފަންނިއްޔާތާއި އީޖާދުތަކުގެ ރޮނގުންވެސް ދުނިޔެއަށް މުޅީން އައު ކަންތައްތަކެއް ދައްކުވައިދޭނެ މުބާރާތަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީ އަށް ލިބިފައިވާއިރު 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސައުދީގަ އެވެ.

ސައުދީން އެގައުމުގެ ލީގު ވެސް ވަރުގަދަ ކުރަމުން އަންނައިރު އެ ލީގުގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ތަރިންތަކެއް އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ އަދި ނޭމާ މެންފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ.

ވޯލްޑް ކަޕަށް ހަ ފަހަރު ކޮލިފައިވެފައިވާ ސައުދީން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބަލިކޮށް ދުނިޔެ ސިއްސުވާލައިފަ އެވެ.