Last Updated: December 26, 21:05
Thursday, December 26, 2024
މުނިފޫހިފިލުވުން

ރަންބީރްގެ މަންމައާ އެކު ކަޕިލްއެއް ފިލްމެއް

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރްގެ މަންމަ ނީތޫ ކަޕޫރާ އެކީ ފިލްމެއް ކުޅުމުގެ ފުރުސަތު މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އަށް ލިބިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފެމިލީ ކޮމެޑީގެ ނަމަކީ "ދާދީ ކީ ޝާދީ" އެވެ. ފިލްމުގެ ނަމުން ވެސް ދޭހަވާ ގޮތަށް މިއީ އުމުރިން ދުވަސްވީ މީހެއްގެ ކައިވެންޏަކަށް ބިނާކޮށް ހަދާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

ނީތޫ އާއި ކަޕިލް އެކީގައި ފިލްމެއްގެ މަސައްކަތްކުރާ އިރު، ނެޓްފްލިކްސް އިން ގެނެސްދޭ ކަޕިލްގެ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގައި ނީތޫ މި އަހަރުގެ މާޗްގައި އޭނަގެ ދެ ދަރިންނާ އެކީ ބައިވެރި ވެސް ވެފައިވެ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ދާދީ ކީ ޝާދީ" އަކީ އަކްޝޭ ކުމާރުގެ 2012 ގެ ފިލްމު "ކިލާޅީ 786" ގެ ޑައިރެކްޓަރު އަޝިޝް އާރް މޯހަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2015 ގެ "ވެލްކަމް ޓު ކަރާޗީ" އެވެ.

މީޑިއާތަކުން ބުނީ "ދާދީ ކީ ޝާދީ" ގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީގައި ކަމަށާއި އަމާޒަކީ އެޕްރީލްގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލުން ކަމަށެވެ. މީގެ ގިނަ މަންޒަރުތައް ޝިމްލާގައި ނަގަން ހަމަޖެހިފައިވާ އިރު، ޗަންދީގަޅާއި ނިއު ދިއްލީގެ އިތުރުން މުމްބާއީގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކުރާނެ އެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުން ނީތޫ، 66، ގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2022 ގެ "ޖުގް ޖުގް ޖިއޯ" އެވެ. އޭނަ މިހާރު އަންނަނީ "ލެޓާސް ޓު ކަންނާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކަޕިލްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒްކުރި ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަންގެ "ކްރޫ" އެވެ. މަދުމަދުން ފިލްމުތަކުން ފެންނަ ކޮމީޑިއަން ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ކިސް ކިސްކޯ ޕިޔާރު ކަރޫ" އާއި "ފިރަންގީ" އަދި "ޒިވިގާޓޯ" ހިމެނެ އެވެ.