ވައިން ހަކަތަ އުފެއްދުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ނ. މަނަދޫގައި ފަށަން ނިންމައިފި އެވެ.
މިއީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުން އަންނަ އެކްސަލަރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ޕައިލެޓް މަޝްރޫއުގެ ސިސްޓަމް މަނަދޫގައި ގާއިމުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލުގެ މަތިން އަދި އޭޑީބީގެ "ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް" އުސޫލުން ބީލަން ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500ރ. .100 ޔޫއެސް ޑޮލަރު) ދައްކަން ޖެހެ އެވެ. ބީލަން ހުށަހަޅަން ޖެހެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
"އެޝުއާ" ޕްރޮޖެކްޓަކީ 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، އެއް ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމްކުރުން ހިމެނެ އެވެ. އެ މަޝްރޫއުގެ ތެރެއިން ޕަވާ ޕާޗޭސިން އެގްރިމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރާނެ އެވެ.
މީގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.