އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުން ކުރިން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ވެރިޔާ ކްރިސްޓޮފާ ރޭ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މިކަން އޭނަ ހިއްސާކުރެއްވީ އިއްޔެ މުވައްޒަފުންނާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ޓްރަމްޕް ހުވާކުރެއްވުމުުގެ ކުރިން މަގާމުން ދޫކޮށްލެއްވުން ހުރިހާ ގޮތަކުން ވެސް އެފްބީއައި ރަނގަޅު ވާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށް ރޭ ވިދާޅުވި އެވެ.
އޭނަ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވި އިރު، މަގާމުން ވަކިކުރައްވާނެކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް އޮތީ ދާދި ފަހުން ދެއްވައިފަ އެވެ. އެގޮތުން ރޭގެ ބަދަލުގައި އެފްބީއައިގެ ވެރިއަކަށް ޓްރަމްޕް އައްޔަން ކުރަން ނޮމިނޭޓްކުރައްވާފައި މިހާރު އޮތީ ކާޝް ޕަޓޭލް އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އެފްބީއައިގެ ޑިރެކްޓަރަކަށް ރޭ 10 އަހަރުގެ ދައުރަކަށް އައްޔަންކުރީ ޓްރަމްޕްގެ ވެރިކަމުގައި 2017 ގައި ކަމެވެ.
އެމެރިކާގެ ރައީސްކަމާ ޓްރަމްޕް އަލުން ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ 20 ގަ އެވެ. އޭނަ ކުރިން ވެރިކަން ކުރެއްވީ 2016-2020 އަށެވެ.