Last Updated: December 25, 11:10
Wednesday, December 25, 2024
ޚަބަރު

ސޯލިހުގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ؛ އެމްޑީޕީ

ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަދަލު ދިނުމަށް ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓު މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ރިޕޯޓު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ކުރީގެ ރައީސް ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމު، ގާނޫނުއަސާސީއާއި ގާނޫނުތަކުން އެ ބޭފުޅުންނާ މަތިކޮށްފައިވާ ޒިންމާއާ ހިލާފަށް ދައުލަަތުގެ މަތީ މަގާމުތަކުގައި ތިއްބަވައިގެން، ދައުލަތުގެ މުދަލާއި ފައިސާ އޭގެ ހައްގުވެރިން ނޫން ބަޔަކަށް ހޯދައިދިނުމަށް އެބޭފުޅުން މަސައްކަތްކުރެއްވިކަމަށް ތުހުމަތުވާ ކަމަށެވެ.

އެގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންނާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލަފާ އެރުވުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އަދި އެ ތަހުގީގުން ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެކި ހޯދިއްޖެނަމަ ދައުވާކުރަން ދެންނެވުމަށް ވެސް ހިމަނާފައިވެ އެވެ.

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުވާލާފަ އެވެ.

ސެޓްލްމަންޓް ކޮމެޓީ އުވާލިއިރު އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.