އަންނަ އަހަރުގެ ތެރޭގައި ބޮލީވުޑްގެ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް މިހާރު ހޮލީވުޑަށް ފޯކަސްކޮށްގެން އުޅޭ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.
ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 'ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް' ތެރޭގައި ހުނަރުވެރި ބަތަލާ ބުނީ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ ފިލްމަކާ މެދު މިހާރު އޮތީ ގާތްގަނޑަކަށް ގޮތެއް ނިމިފައި ކަމަށެވެ.
"އެހެންވީމަ އަންނަ އަހަރު ބޮލީވުޑްގެ ފިލްމެއް ކުޅޭނަން." އޭގެ ތަފުސީލަކަށް ނުގޮސް، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޕްރިޔަންކާ ބުންޏެވެ.
އޭނަ ބުނީ އެމެރިކާގެ މީހަކާ ކައިވެނިިކޮށްގެން އެެ ގައުމުގައި ދިރިއުޅުނަސް އަދި ހޮލީވުޑަށް މި ފަހުން މާ ބޮޑަށް ވަގުތު ދިނަސް ހިތް އަބަދު ވެސް އިންޑިއާއާ އެކީގައިވާ ކަމަށެވެ. އަދި އަބަދު ވެސް ބޮލީވުޑްގެ ދެކެނީ އާއިލާއެއް ގޮތަށް ޕްރިޔަންކާ ބުންޏެވެ.
އޭނަ އެންމެ ފަހުން ކުޅުނު ބޮލީވުޑްގެ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. އަދި އެންމެ ފަހުން ސޮއިކުރި ހިންދީ އެ ފިލްމުގެ ބަތަލު ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން 2021 ގައި އިއުލާންކުރި "ޖީ ލޭ ޒަރާ" އެވެ.
ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނޭ މި ރޯޑް-ޓްރިޕްގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހެދި ނުފެށި ދިގުލައިގެން ގޮސްފައި ވަނިކޮށް ފަރުހާން މިދިޔަ އަހަރު ވަނީ ރަންވީރު ސިންގް އާއި ކިއާރާ އަދުވާނީއާ އެކީ "ޑޮން 3" ހަދަން އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ޝޫޓިން ފަށާނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝާހްރުކް ޚާން ޓައިޓްލް ރޯލަށް ލައިގެން ފަރުހާން 2006 ގައި ގެނެސްދިންނ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ އަކީ ޕްރިޔަންކާކަމެވެ.
ޕްރިޔަންކާ ދާދި ފަހުން ވަނީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ވެބް ސީރީޒް "ސިޑަޓެލް" ގެ ދެވަނަ ސީޒަންގެ ޝޫޓިން ނިންމައިފަ އެވެ. އޭނަގެ ކުރިއަށް ހުރި ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ދަ ބްލަފް" އާއި "ހެޑްސް އޮފް ސްޓޭޓް" ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ލަވް އެގެއިން" އިންނެވެ.