ރައީސް މުއިއްޒަކީ ވަރަށް "ކަޓު" ބޭފުޅެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓުން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ ރައީސް މުއިއްޒު ކުރައްވާފައި ހުންނެވި ކަންކަމުގެ ސަބަބުން އެމަނިކުފާނު ފާހަގަކުރެވެނީ ވަރަށް "ކަޓު" ބޭފުޅެއްގެ ގޮތުގައި ކަމަށާއި ރައީސް މުއިއްޒަކީ ވަރަށް "ކަޓު" ބޭފުޅެއް ކަމަށެވެ.
އަދި ކަންކަމުން ސަލާމަތް ނުވާން ފެށުމުން ދޮގު ހެދުމަކީ ވަރަށް ކުރީ ޒަމާނުގައި މީހުންކޮށް އުޅުނު ކަމެއް ކަމަށާއި އެއީ ވަރަށް "ކަޓު" ކަމެއް ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
"އެއީ ވަރަށް ނާތަހުޒީބު ކަމެއް. އެއީ އެއްގޮތަކަށް ވެސް މާ ގަދަ ކަމެއް ނޫން. ނަމަވެސް ރައީސް މުއިއްޒަށް މިހާރު ވެފައި ހުންނެވި ގޮތަކީ، އެހެރީ ވަރަށް ރަނގަޅަށް ސީދަލަށް ދޮގު ހައްދަވާ ބޭފުޅެއްގެ ގޮތުގައި ލޭބަލްވެ ވަޑައިގެން،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަށާއި ރާއްޖެ އަށް މިހާރު ވަނީ ލޭބަލްވެފަ އެވެ. ރައީސް މުއިއްޒު ވާހަކަފުޅުތައް ވިދާޅުވަނީ ގަސްދުގައި އިތުރުފުޅުތައް ހެއްދެވުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެން ހުންނެވި އާލާސްކަންފުޅެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަށް ޖެހޭނީ ފަރުވާ ހޯއްދަވަން. އެއީ މަލާމާތްކޮށްގެން ވާނެ ކަމެއް ނޫން. އެއީ އާލާސްކަންފުޅެއް، އެކަމާ ރައީސް މުއިއްޒު އަވަހަށް ސީރިއަސްކޮށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ،" ޑިމޮކްރެޓްސްގެ ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ހަސަން ވަނީ ގާނޫނު އަސާސީ ދިފާއުކުރުމުގައި އެންމެ ތަންކޮޅެއް ވެސް ޑިމޮކްރެޓުން ފަހަތަށް ނުޖެހޭނެ ކަމަށާއި ޑިމޮކްރެޓުން އިސްވެ ކުރާ ކަމަކަށް ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.