ރ. އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް އެތަނުގައި ރޭ އިފުތިތާހުކޮށް ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިނިސްޓަރު ވިދާޅުވީ އެމްއާރްއައިގެ ހިދުމަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފެށުމަކީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރިއަށް ގެންދާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ. އަދި އެމްއާރުއައިގެ ޚިދުމަތް ފެށިގެން ދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ފުރަތަމަ މަރުޙަލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ދިމަވެފައިވާ ގެއްލުމެއް ވެސް ބަލައިލެވޭ އެމްއާރްއައިގެ ޚިދުމަތާއެކު ޕީއާރުޕީގެ ޚިދުމަތްވެސް ވަނީ ފަށައިފައެވެ. ޕްލޭޓްލެޓް ރިޗް ޕްލާޒްމާ، ޕީއާރުޕީގެ ޚިދުމަތަކީ އިންސާނާގެ ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ޓިޝޫތައް ރަނގަޅުކުރުމަށް ދެވޭ ފަރުވާގެ ޚިދުމަތެވެ.
ހިދުމަތްދޭތާ 40 އަހަރުވެފައިބާ އުނގުފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެތަނުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކުގެ ފަރުވާ އާއި މެމޯގްރަފީގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ފުޅާކޮށްފައިވެ އެވެ.