ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ވަރަށް އަވަހަށް ފިލްމެއް ޑައިރެކްޓްކުރަން ފަށާނެކަމުގެ އިޝާރާތެއް ދީފި އެވެ.
މިދިޔަ އަހަރު އޭނަގެ 50 ވަނަ އުފަން ދުވަހާ ދިމާކޮށް، މުޅިން އަލަށް ކެރިއަރުގައި އެކްޝަން ފިލްމެއް ޑައިރެކްޓްކުރާނެކަން އޮތީ އިއުލާންކޮށްފި އެވެ. އެގޮތުން މިދިޔަ އަހަރު ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކޫ ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ފަހު، މާ ދިގު މެދުކެނޑުމަކަށް ނުގޮސް އެކްޝަން ފިލްމާ އެކީ ވަރަށް އަވަހަށް ޑައިރެކްޝަނަށް އަންނާނެ ކަމަށް ކަރަން ކުރިން ބުނެފައިވެ އެވެ.
އެގޮތުން އޭނަގެ ކުރީގެ ފިލްމުތަކެއްގެ މަސައްކަތުގެ ތެރެއިން ސެޓްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ އަލުން ޑައިރެކްޓަރުގެ ގޮނޑި އަށް އަންނަން ކެތްމަދުވެފައި ހުރި ކަމަށެވެ.
އެހެންވެ ބެލެވޭ ގޮތުން އަންނަ އަހަރު ކަރަން އާ ފިލްމުގެ ޑައިރެކްޝަން ފަށާނެ ކަމަށް ގަބޫލުކުރެވެ އެެވެ. އަދި މި ފިލްމު ވާނީ އޭނަގެ 8 ވަނަ ޑައިރެކްޝަނެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޑައިރެކްޝަނަށް ނުކުތީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ. އޭގެ ފަހުން އޭމަ ގެނެސްދިން ފިލްމުތަކަކީ ކަބީ ހުޝީ ކަބީ ޢަމް (2001)، ކަބީ އަލްވިދާ ނާ ކެހެނާ (2005)، މައި ނޭމް އިޒް ޚާން (2010)، ސްޓޫޑެންޓް އޮފް ދި އިޔާ (2012) އަދި "އޭ ދިލް ހެ މުޝްކިލް (2016) އެވެ.
ކަރަން އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ބިޒީ ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާ އެވެ.
ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެޓްފްލިކްސްއާ ގުޅިގެން ވެބް ސީރީޒެއް ހަދަން ކަރަން އޮތީ ނިންމައިފަ އެވެ. އެގޮތުން އޭވިއޭޝަން ދާއިރާ އަށް ބިނާކޮށް އޭނަ ޑައިރެކްޓްކުރާ ސީރީޒްގެ ނަމަކީ "ގެޓް ސެޓް ގޯ" ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އެކަމަކު މިއާ ބެހޭ އެއްވެސް ވާހަކައެއް ކަރަން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.