Last Updated: December 25, 11:10
Wednesday, December 25, 2024
ޚަބަރު

ރާއްޖެ-ޔޫކޭ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ވިދާޅުވެއްޖެ އެވެ.

ރަސްގެފާނު ޗާލްސް މިހެން ވިދާޅުވީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އެރުވުމަށް ބަކިންހަމް ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާ އިރުތިޝާމް ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ރަސްގެފާނު ޗާލްސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.

ސަފީރު އިރުތިޝާމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އަރުވާފަ އެވެ.

ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ރަސްގެފާނު ޗާލްސް ވިދާޅުވިއިރު، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދާދިފަހުން ވަނީ ދައުވަތު އަރުވާފަ އެވެ.