Last Updated: December 25, 11:10
Wednesday, December 25, 2024
ޚަބަރު

އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް ދެއްވައިފި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުޅުތައް ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.

"ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24 ގަޑިއިރު މަސައްކަތް ކުރައްވާ ވެރިއެއް. އެމަނިކުފާނާ އެކު ރަސްމީ ސިފައެއްގައި މަސައްކަތް ކުރެވުނު 13 ވަރަކަށް މަސް ދުވަސްތެރޭގައި، އެމަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ފެނުނީ އެކަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރަން އެ ރަށުގެ ރައްޔިތުން ބޭނުންވާކަން ޔަގީންވާ ކަމަށާއި ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އުނފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ހެލްތް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި އެކަން ބާރު ސްޕީޑުގައި ކުރައްވާނެ ކަމަށެވެ.

އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.