ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ހިންގާ އިމާރާތް ވަނީ އަނދައި ހުލިވެފަ އެވެ. އެކަމާ ގުޅިގެން އެ އިމާރާތުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށާއި އެހެންވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެ ދިޔައީ. ވަރަށް ގިނަ، ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަޅުގަނޑުމެން ކުރަމުންގެންދިޔަ ހުރިހާ މަޝްރޫއުއެއްގެ މައުލޫމާތެއް ވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި. ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވާ ނަމަ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނޯންނާނެ،" ހައިދަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ސާވާއަށް ގެއްލުންވި ނަމަވެސް، ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ މައުލޫމާތުތައް ރައްކާކުރެވިފައިވަނީ ކްލައުޑުގައި ކަމަށާއި އެހެންކަމުން ސާވާއަށް ގެއްލުން ލިބުނަސް އެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ދުމުގެ އަސަރުކޮށްފައިވެ އެވެ. އެގޮތުން 7 ގެއަކުން 29 މީހަކު ވަގުތީ ހިޔާއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެ އެވެ.