"ޕުޝްޕާ 2" ބަލަން ދިޔަ އަންހެނަކު ސިނަމާގެ ތެރޭގައި މަރުވި މައްސަލައަކާ ގުޅިގެން އިިއްޔެ ހައްޔަރުކުރި އެ ފިލްމުގެ ބަތަލު އައްލޫ އަރުޖުން މިއަދު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
އޭނަ ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ޓެލަންގާނާ ފުލުހުން އައްލޫ ހައްޔަރުކުރީ އިއްޔެ މެންދުރު ފަހު އެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ރިމާންޑް ސެންޓަރެއްގައި 14 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ.
އައްލޫ ހައްޔަކުރީ މި މަހުގެ 5 ގައި ސިނަމާތަކަށް ގެނައި "ޕުޝްޕާ 2" ހައިދަރުއާބާދުގެ ސަންދިއާ ތިއޭޓަރުގައި މިދިޔަ ހަފުތާގެ ތެރޭގައި ސްކްރީން ކުރުމާ ދިމާކޮށް އޭނަ އެތަނަށް ދިއުމުން، ފޭނުންތައް ތޮއްޖެހި، ހިނގި "ހާޖާނުގަނޑު" ގެ ތެރޭގައި އަންހެނަކު މަރުވުމާ ގުޅިގެންނެވެ. އެ ހާދިސާގައި ރިވަތީ ކިޔާ އަންހެން މީހާގެ ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވި އެވެ.
އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ އަންހެން މީހާގެ ފިރިމީހާ އެވެ.
އައްލޫ ހައްޔަ ރުކުރުމުގެ ކުރިން އެ ހާދިސާއާ ގުޅިގެން ސަންދިއާ ތިއޭޓަރުގެ ދެ މުވައްޒަފަކު ވެސް އިހުމާލުވުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވެ އެވެ.
ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަމުން އައްލޫ ބުނީ ސިނަމާގައި މީހަކު މަރުވި ހާދިސާއާ މެދު ހިތާމަކުރާ ކަމަށެވެ. އެކަމަކު އަންހެން މީހާ މަރުވި ހާދިސާ އަކީ އޭނަގެ އިހުމާލުންވި ކަމެއް ކަމަށް ނުކެދޭ ކަމަށާއި ކުރިން ވެސް އޭނަގެ ފިލްމުތައް އެޅުވުމާ ދިމާކޮށް ފޭނުންނާ ބައްދަލުކުރަން ސިނަމާތަކަށްދާ ކަމަށް ބުންޏެވެ.
VIDEO | "I would like to first thank everybody for their immense love and support. I thank my fans. I am well, there is nothing to worry. I am a law abiding citizen, I respect the law, I will cooperate with them, and do the needful. I would like to give my condolences to the… pic.twitter.com/SQjJAdeVGm
— Press Trust of India (@PTI_News) December 14, 2024
އެގޮތުން އަންހެން މީާ މަރުވި ސަންދިއާ ތިއޭޓަރަކީ މީގެ 20 އަހަރު ކުރިން ފެށިގެން ވެސް ގޮސް އުޅޭ ތަނެއް ކަމަށް އައްލޫ ބުންޏެވެ.
ނަމަވެސް އޭނަގެ ފިލްމެއް ބަލަން ދިޔަ މީހަކު މަރުވެގެން ދިއުމަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމާ ގުޅިގެން އެ އާއިލާ އަށް ދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ދޭނެ ކަމަށް އައްލޫ ބުންޏެވެެ.
އޭނަ އަކީ އިންޑިއާގެ ދެކުނުގެ ފިލްމީ ތަރިންގެ އެންމެ މަޝްހޫރު އެކެކެވެ.
"ޕުޝްޕާ 2" އަކީ އޭނަ އަށް އެންމެ މޮޅު އެކްޓަރު ނެޝަނަލް އެވޯޑް ވެސް 2022 ގައި ލިބުނު 2021 ގެ "ޕުޝްޕާ" ގެ ސީކްއެލް އެވެ.