Last Updated: April 21, 17:56
Monday, April 21, 2025
ރިޕޯޓް

ހިއްސާ އިން ޒަކާތް ދައްކަން ޖެހޭނެތަ؟

ޙިއްޞާ ނުވަތަ ޝެއާ އަކީ ކުންފުންޏެއްގެ ރައުސްމާލުގެ ތެރެއިން ބައެކެވެ. އެއީ، ޙިއްޞާ ނުވަތަ ޝެއާ ވިއްކައިގެން ކުންފުންޏަށް މާލީ ތަނަވަސްކަން ހޯދުމަށްޓަކައި، އެންމެ ފުރަތަމަ އެ ވިއްކާއިރު ޙިއްޞާގެ މޫނުމަތީ އަގު ވަކިވަރަކަށް ކަނޑައެޅުމަށް ފަހު ވިއްކާ އެއްޗެއްކަމުގައިވާ ފަދައިން، މީހުން އެއަށް ބޭނުންވާ މިންވަރެއްގެ މައްޗަށް ބީނާކޮށް އެއަށް ބާޒާރުގައި ވަކި އަގެއް އޮންނަ އެއްޗެކެވެ. އަދި ޙިއްޞާތަކުގެ އަގަށް ބިނާކޮށް އެ ކުންފުންޏެއްގެ ރައުސުލްމާލު މިންކުރެވެ އެވެ.[1]

އިސްލާމް ދީނުގައި ހުއްދަ ވިޔަފާރިއެއް ނުވަތަ މުޢާމަލާތެއް ކުރާ ކުންފުންޏެއްނަމަ އެ ކުންފުނީގެ ޙިއްޞާ ގަނެ އެއިން ފައިދާ ހޯދުމަކީ ހުއްދަކަމެކެވެ. އަދި ހުއްދަ ނޫން ޙަރާމް ވިޔަފާރިއެއް ނުވަތަ މުޢާމަލާތްތަކެއް ކުރާ ކުންފުންޏެއް ނަމަ އެފަދަ ކުންފުންޏެއްގެ ޙިއްޞާ ގަތުމަކީ ހުއްދަކަމެއް ނޫނެވެ.

ހުއްދަ މުޢާމަލާތުތަކެއްތޯ ނުވަތަ ޙަރާމް މުޢާމަލާތުތަކެއްތޯ ކުރަނީ ކަނޑައެޅުމަށް ދަތިވެފައިވާ ކުންފުންޏެއް ނަމަ އެ ކުންފުންޏެއްގެ ޙިއްޞާ ގަތުމުގެ ހުއްދަކަމާ މެދު ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. އެގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ކުންފުންޏެއްގެ ޙިއްސާ ގަތުމަކީ ހުއްދަ ކަމެއް ނޫނެވެ.[2]

[1] فتاوى اللجنة الدائمة (14/299) ، الخلاصة في أحكام الزكاة

[2] الخلاصة في أحكام الزكاة (ص36) ، ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ (ޞ33)

ޙިއްސާ ގަނެފައިވާ ފަރާތުން، އެ ޙިއްސާއިން ޒަކާތް ދައްކަން ޖެހޭނެ އެވެ. ނަމަވެސް ޙިއްސާ ގަނެފައިވާ ފަރާތްތަކުގެ މަތިން ކުންފުނިން ޒަކާތް ދެއްކުމަށް ކުންފުނީގެ އަސާސީ ޤަވާޢިދުގައި ލިޔެފައިވާ ނަމަ ނުވަތަ ކުންފުނީގެ ޢާންމު ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާ ކަމަށްވާ ނަމަ ނުވަތަ ދައުލަތުގެ ޤާނޫނުތަކުން އެގޮތަށް ކަނޑައަޅާފައިވާ ނަމަ އަދި ޙިއްސާ ގަނެފައިވާ ފަރާތްތަކުގެ މަތިން ކުންފުނިން ޒަކާތް ދައްކާ ކަމަށްޗާ ނަމަ، ޙިއްސާގަނެފައިވާ ފަރާތުން ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

އެކަން އެމަގުން ނުހިގާ ކަމަށް ނަމަ ޙިއްސާގަނެފައިވާ ފަރާތުން، އެ ޙިއްސާއެއް ގަނެފައިވާ ނިޔަތެއްގެ މައްޗަށް ބިނާކޮށް ޒަކާތް ދައްކަން ޖެހޭނެ އެވެ.

ޢާންމު ގޮތެއްގައި ޙިއްސާ ގަނެއުޅެނީ ދެ މަޤްޞަދެއްގަ އެވެ. އެއީ އެ ކުންފުންޏެއްގެ އަހަރީ ފައިދާ ހޯދުމުގެ މަޤުޞަދުގައި، ނުވަތަ ޙިއްސާ ގަނެވިއްކުމުގެ މަގުސަދުގައެވެ.

މަސްދަރު: މޯލްޑިވްސް ޒަކާތު ހައުސް