އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ނުސައިރަތު ކޭމްޕަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުން ނުސައިރަތު ކޭމްޕަށް އިއްޔެ ދިން ވައިގެ ހަމަލާގައި 36 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެކި ވަރުގެ ޒަހަމްތައް މި ހަމަލާގެ ސަބަބުން ވަނީ ލިބިފަ އެވެ.
މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލުގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމި އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 44،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.