ދާދި ފަހުން އައްޑު އަށް ގެނައި ދެ މެގަވޮޓްގެ އިންޖީނު ވަގުތީ ގޮތުން މާލޭގައި ބޭނުން ކުރަން މިރޭގެ ވަގުތެއްގައި މާލެ ގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ ފަރާތުން ކުއްލިގޮތަކަށް ފެނަކަ ކޯޕަރޭޝަނަށް ދިއުން ވެގެން ދިޔައީ ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހުގެ އިސްވެރިންނަށާއި އެތަނުގެ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ ބޮޑު ހައިރާން ކަމަކަށެވެ.
ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހުގެ އިސްވެރިން މިކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް އިންކާރުކޮށްފައިވާއިރު އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނާ ގޮތުގައި އިންޖީނު މާލެ ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތެއް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ ފަރާތުން އެ އޮފީހުގެ އިސްވެރިންނަށް އަންގާފައި ނުވާކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހަށް އިންޖީނު ގެންދަންޖެހޭ ކަން އަންގާފައިވަނީ މިއަދު އެއޮފީހަށް އެމްއެންޑީއެފްގެ ބޭފުޅުން ދިޔަފަހުން ކަމަށް ވެއެވެ. ނަމަވެސް ބައެއް މުވައްޒަފުން ބުނާ ގޮތުގައި އިންޖީނު ގެންދަން އުޅޭކަން ކުރިން ވެސް އޮފީހުގެ އިސްވެރިންނަށް އެނގޭ ކަމަށާއި އެކަން އޮތީ ސިއްރުކޮށްފައި ކަމަށެވެ.
އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ސޯޝަލް މީޑިޔާގައި މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު ބައެއް ރައްޔިތުން ސިފަކުރާގޮތުގައި ސަރުކާރުން ގެންދަނީ މިނިވަން 50 ފާހަގަކުރުމަށް ކަމަށް ބުނެ އައްޑޫ ވީރާނާ ކުރަމުންނެވެ.